ކޮންމެ ކަމެއްގައި ވެސް ޒުވާނުން ދޭ ޚިޔާލުތައް އަޑުއަހާނަން: ރައީސް

ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން: ރައީސް ވިދާޅުވީ ރާއްޖޭގެ އިމުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމެއްގައި ވެސް ޒުވާނުންނަށް ލަފާދެވޭނެ ކަމަށް -- ފޮޓޯ ރައީސް އޮފީސް

މިއަދު އިފްތިތާހުކުރި "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"އަށް ކަންކަމުގައި ލަފާދިނުމަށް އެއްވެސް "ލިމިޓެއް" ނޯންނާނެ ކަމަށާއި، ދެއްވާ ހުރިހާ ލަފައެއް ވެސް އަޑުއައްސަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބޭނުމަކީ ސަރުކާރުގެ މެނިފެސްޓޯއާއި މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުމުގައި ގައުމީ، އަދި ސަރަހައްދީ ފެންވަރުގައި ރައީސަށް ލަފާ އެރުވުމެވެ.

https://sun.mv/195401

މި ކޮމިޓީ އިފްތިތާހުކޮށް، މިއަދު މެންދުރުފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައިވަނީ ސަރުކާރު ހިންގުމާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ފުޅާ ދާއިރާއެއްގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ލިބިގެންދިއުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވައިފައެވެ.

އަދި ދައުލަތުގެ ކަންކަން ބައްޓަންކުރުމުގައި ޒުވާނުން ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެއްވެސް ކަހަލަ ލިމިޓެއް ވަކި ކަމެއްގައި ބަސް ނުބުނެވޭނެ ކަމެއް ނޯންނަ ގޮތަށް، ދައުލަތުގެ ހުރިހާ ކަމެއްގައި، ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްގައި އަޅުގަނޑުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ތި ބޭފުޅުންނަށް ލަފާ ދެއްވޭނެ - ރައީސް ޑރ. މުޙައްމަދު މުޢިއްޒު -

ޒުވާނުންގެ ކިބައިން ރައީސް އެދިވަޑައިގަތީ މިނިވަން ޚިޔާލުގައި ހުރިހާ ދާއިރާއަކުން ވެސް ބިނާކުރަނިވި ލަފާދެއްވުމަށެވެ. ޒުވާނުން ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަށް އެދިވަޑައިގެން ރައީސް ވަނީ އެ މަނިކުފާނަށް ހުށަހެޅޭ ކަންކަން އެންމެ ރަނގަޅަށް ބަލައިގަންނާނޭ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އަދި ޒުވާނުންގެ ފަރާތުން ހުށަހެޅޭ ކަންކަން ވީ އެންމެ ރަނގަޅަކަށް ރާއްޖޭގައި ތަންފީޒު ކުރުމުގެ މަގުފަހިކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެ ކޮމިޓީގެ ފަރާތުން ވަނީ މި ފަދަ ފުރުސަތެއް ފަހިކޮށްދެއްވައި، ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯއްދެވުމަށް މިފަދަ ފުރުސަތެއް ފަހިކޮށްދެއްވީތީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ރައީސްގެ އިރުޝާދާއި އެއްގޮތަށް ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އަޑު އިއްވައިދިނުމަށް ރާވާފައިވާގޮތް ކޮމިޓީގެ ފަރާތުން އެ މަނިކުފާނާއި ހިއްސާކުރެއްވިއެވެ.

comment ކޮމެންޓް