ޒުވާނުންގެ ޚިޔާލު ހޯދުމަށް، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އެކުލަވާލައިފި

ޒުވާނުންގެ ޚިޔާލު ހޯދުމަށް، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އެކުލަވާލުން -- ފޮޓޯ/ ރައީސް އޮފީސް

ޒުވާނުންގެ ޚިޔާލު ހޯދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ މިކަމަށްޓަކައި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. އަދި މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާ ގުޅޭގޮތުން ރައީސަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމެވެ.

ޒުވާނުންގެ ޚިޔާލު ހޯދުމަށް، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އެކުލަވާލުން -- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މި ކޮމިޓީން ރައީސަށް ލަފާ އަރުވާނެއެވެ.

ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

"ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އެކުލަވާލަލައްވާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. މި ބޯޑުގައި ތިއްބަވަނީ 15 މެންބަރުންނެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި ދެ ފަހަރު ބޯޑު އެކުލަވާލުމަށް ނިންމިއެވެ.

ޒުވާނުންގެ ޚިޔާލު ހޯދުމަށް، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އެކުލަވާލުން -- ފޮޓޯ/ ރައީސް އޮފީސް

މި ބޯޑަކީ ރައީސަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ.

މި ބޯޑު އިފުތިތާހުކޮށްދެއްވުމަށްފަހު މިއަދު 14:00ގައި ރައީސް އޮފީހުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުކުރެއްވުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ.

comment ކޮމެންޓް