ދިވެހި ލިޔުންތެރިންނަށް އައްސަރިބަހާއި ސާބަސް!

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8ވަނަ ދުވަހަކީ ދިވެހި ލިޔުންތެރީންނަށް ނިސްބަތްކޮށް ދިވެހީން ފާހަގަކުރާ ދިވެހި ލިޔުންތެރީންގެ ދުވަހެވެ. މި އަހަރުގެ މި ދުވަސް، އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ރޭ، ރަސްމީ ސިފައެއްގައި ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން "އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް" އާ ގުޅިގެން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އެ ޖަލްސާގައި ދުވަހާ ގުޅުވައި ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ނ. އަތޮޅު މަދަރުސާގެ ދަރިވަރަކާއި އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރަކާއި ކުޅަދާނަ ލިޔުންތެރިޔާ އަލްފާޟިލް މުޙަންމަދު އާދަމް ސަލީމާއި ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން އަލްއުސްތާޛު ކަށިމާ އަޙުމަދު ޝާކިރު ވާހަކަދެއްކެވިއެވެ. މި ވާހަކަ މި ފަހަރުގެ ކޮލަމުގެ ފެށުމުގައި ލިޔެލީ ތާރީޚަށް ޓަކައެވެ. އަދި އެހެން ކަމެއް ވެސް ފާހަގަވުމާ ގުޅިގެންނެވެ. އެކަން މި ކޮލަމް ލިޔެ ނިންމާއިރު ހާމަކުރާނަމެވެ.

ލިޔުންތެރީންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފައި ވަނީ، ޖުލައި މަހުގެ 8ވަނަ ދުވަހެވެ. އެއީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު މަޖައްލާ "އަލްއިޞްލާޙު" ނެރުނު ދުވަހެވެ. މި މަޖައްލާ އެންމެ ފުރަތަމަ ނެރެފައިވަނީ، 8 ޖުލައި 1933ގައެވެ. ހިޖުރީ ގޮތުން 15 ރަބީޢުލްއައްވަލު 1352 އެވެ. މި މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައި ވަނީ، އެއިރުގެ ވަޒީރުލްޙައްޤާނިއްޔާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނާއި ވަޒީރުލްމަޢާރިފު އަދި ވަޒީރުއްދާޚިލިއްޔާ އަލްއުސްތާޛު އަޙުމަދު ކާމިލު ދީދީއެވެ. މި މަޖައްލާގެ އެޑިޓަރަކީ އަލްއުސްތާޛު އަޙުމަދު ކާމިލުދީދީއެވެ.

މީގެ 91 އަހަރު ކުރީގައި އެބޭފުޅުން މަސައްކަތްކުރައްވައިފައި ވާނީ ކިހިނެއްކަން ދަންނަވަން އަޅުގަނޑަށް އެހައި ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް، މަޖައްލާތަކާއި ފޮތްތަކާއި ނޫސްތައް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، މިއަދު މި ދެކޭ ޒަމާނީ ވަސީލަތްތައް ނުހުންނާނެކަން އަޅުގަނޑަށް ކަށަވަރެވެ. ކޮންޕިއުޓަރާއި އިންޓަނެޓާއި ޒަމާނީ ފޮންޓުތަކާއި ފަންނިއްޔާތުގެ އެއްވެސް ވަސީލަތެއް އޭރު ނުހުންނާނެކަން ކަށަވަރެވެ. ބޭނުންވާ ކޮންމެ ހިނދެއްގައި "ސިރީ" ގާތުގައި އަހައިގެން ކަންކަން އޮޅުންފިލުވުމުގެ ކުޅަދާނަކަން އެ ބޭފުޅުން ތަޖުރިބާކުރައްވައިފައެއް ނުވާނެއެވެ. އެހެނަސް އެ ބޭފުޅުން ކުރެއްވި މަސައްކަތްތައް މިއަދު މިހިރީ ފެންނާށެވެ. އަދުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ނެރޭ ފޮތްތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންނުކޮށް ނެރެފައިވާ ފޮތްތައް ވެސް މިއަދުގެ ދަރީންނަށް ފެންނަން އެބަހުއްޓެވެ. އެއީ އޭރުގެ ޙާލަތެވެ. އެކަމަކު މަސައްކަތްކުރައްވައިފައިވާ ދުވަސްވަރާއި ޙާލަތަށް ބަލައި އޭރު ލިޔުންތެރީން ކުރެއްވި މަސައްކަތްޕުޅުތަކަށް އަޅުގަނޑުގެ ހިތުގައި އެ ބޭފުޅުންނާމެދު އޮތީ އިޙުތިރާމާއި ލޯތްބާއި ޤަދަރެވެ.

މިއަދު އަޅުގަނޑުމެންގެ ފޮތް ފިހާރަތަކަށް ވަދެ ފޮތްހަރުތަކަށް ބަލައިލުމުން ލިޔުންތެރީންގެ ފޮތްތައް ފެންނާން އެބަހުއްޓެވެ. އެންމެ ފޮތެއް ދެ ފޮތެއް ނޫނެވެ. އެތައް ބައިވަރެކެވެ. އިލްމީ ފޮތްތަކެވެ. ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔެފައިވާ ދީނީ ފޮތްތަކެވެ. ދުނިޔަވީ ބައެއް މައުޟޫޢުގެ މައްޗަށް ލިޔެފައިވާ ފޮތް ވެސް އެބަހުއްޓެވެ. ކުރުވާހަކަތަކާއި ދިގުވާހަކަތައް ވެސް ފެންނާން އެބަހުއްޓެވެ. މީގެ ތެރެއިން ބައެއް ފޮތްތައް ބާރު ދުވެލީގައި ވިކި ހުސްވެއެވެ. މަޑުދުވެލީގައި މަޑުމަޑުން ކުރިއަށް ފިރުކޭ ފޮތްތައް ވެސް އެބަހުއްޓެވެ. އެކެއްގެ ފޮތެއް ދެ މީހެއްގެ ފޮތެއް ނޫނެވެ. ހައްތަހައިވެސް ލިޔުންތެރީންގެ ފޮތްތަކެވެ. އެކިފެންވަރުގެ ލިޔުންތެރީންގެ ފޮތްތަކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ފޮތްކިޔުމަށް ދެވިހިފައިވާ މިންވަރަށް، ފޮތްކިޔުމުގެ އާދަ ހަރުލައިފައި ނުވާ މުޖުތަމައެއް ގައި، އެކަމަކުން މާލީ ފައިދާއެއް ނުލިބޭނެކަން އެނގިތިބެ ވެސް ބޮޑު އަގުދީގެން ޗާޕުކޮށް ނެރެފައިވަނީ ހާދަހާ ފޮތެކެވެ. ދިވެހި ލިޔުންތެރީންގެ ހާދަހާ ބޮޑު ގުރުބާނީއެކެވެ. ދިވެހި ލިޔުންތެރީންނަށް ޝުކުރިއްޔާއެވެ.

ބޭރު ބަސްބަހުން ހުރި ނާވިލުތައް ދިވެހިބަހަށް ތަރުޖަމާކުރުމުގެ ފަންނުގައި އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ، އުރުދޫ ވާހަކަފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައިފައިވާ މިންވަރެވެ. އަލްމަރުޙޫމާ ޝަމީމާ ޔަހުޔާގެ ތަރުޖަމާތައް ވަރަށް ގިނައެވެ. އުރުދޫ އަދަބުގެ އެންމެ މަޝްހޫރު ވާހަކަލިޔުންތެރިޔާ ގުލްޝަން ނަންދާގެ ނާވިލުތަކާއި ޕާކިސްތާނުގެ ނާވިލު ލިޔުންތެރިޔާ ރަޟިއްޔާ ބަޓުގެ ނާވިލުތަކާއި ބުޝްރާ ރަޙުމާނުގެ ނާވިލުތައް ދިވެހިބަހަށް ތަރުޖަމާކޮށް ނެރެފައި ވެއެވެ. އަދި އެ ފޮތްތައް ދިވެހި އަދަބީ ފޮތް އަލަމާރިން ފެންނާން އެބަހުއްޓެވެ. އުރުދޫ ނާވިލުތަކުގެ ތަރުޖަމާތަކުގެ ތެރޭގައި އަލްފާޟިލް ޢައްބާސް އިބުރާހީމުގެ ތަރުޖަމާ ބައެއް ވާހަކަތަކާއި އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމްގެ ތަރުޖަމާ ވާހަކަތަކާއި އަލްފާޟިލް ގައްދޫ ރަޝީދުގެ ތަރުޖަމާ ވާހަކަތައް ވެސް ފާހަގަކޮށްލެވެއެވެ.

ދިވެހި ލިޔުންތެރީން ވަނީ، ބޭރު ބަސްބަހުން ހުރި އިލްމީ ބައެއް ފޮތްތައް ވެސް ދިވެހިބަހަށް ތަރުޖަމާކުރައްވައިފައެވެ. އެ ގޮތުން، އަލްފާޟިލް ފާރޫޤު ހަސަންގެ ފޮތްތަކާއި އައްޝައިޚު އިބުރާހީމް ރަޝީދު މޫސާގެ އިލްމީ ފޮތްތައް ވެސް ފާހަގަކޮށްލެވެއެވެ. އިލްމަކީ ކޮން އެއްޗެއްކަން ދަނެ، ފޮތްކިޔުމަށް ލޯބިކުރާ އެތައް ބަޔަކަށް މި ދެންނެވި ޙަޤީޤަތް އެނގޭނެއެވެ. ދުވަހު ނޫސްތަކަށް ލިޔެފައިވާ އިސްލާމީ ތަޢުލީމުގެ ލިޔުންތައް ވެސް ފެންނާން ހުރީ މަދަކަ ބައިވަރެއް ނޫނެވެ. ޑރ. ސައުދުﷲ ޢަލީގެ ލިޔުންތަކާއި ޑރ. ޢަބުދުލްޣަފޫރުގެ ލިޔުންތަކާއި އައްޝައިޚު އިބުރާހީމް އަހުމަދުގެ އިސްލާމީ ދަރުސްތަކާއި އަލް އުސްތާޛު އަޙުމަދު ޝާޒުގެ ލިޔުންތައް ވެސް ގުނައި އަދަދުކުރެވިފައި ނެތެވެ. ރީތި ދިވެހިބަހުން، ކުށެއް ނެތި ލިޔެފައިވާ މިހިރަމިހިރަ ލިޔުންތަކަކީ ޢިލްމާއި މައުލޫމާތުގެ ބޭނުމުގައި ފޮތް ކިޔާން ބޭނުންވާ ބަޔަކަށް މަދު އެއްޗެއް ނޫނެވެ. ފޮތް ލިޔާ ބަޔަކަށް، މާލީ މަންފާއެއް ލިބުމުގެ ދޮރު ހަނިކޮށް އޮތް މުޖުތަމަޢެއް ގައި މި ފަދަ މަސައްކަތެއް ކޮށްފައި އެ ވަނީ ލިޔުންތެރިކަމަށް ލޯބިކުރާތީކަން ކަށަވަރެވެ. އެހެންވީމާ އެ ފަރާތްތަކަށް ނުހަނު ލޯތްބާއެކު ޝުކުރިއްޔާއެވެ.

ކުރުވާހަކަ ލިޔުމުގެ ފަންނުގައި އެންމެ ފާހަގަކޮށްލެވެނީ، އަލްފާޟިލް އިބުރަހީމް ހުސައިންމަނިކާއި އަލްފާޟިލް މަޑުލު މުޙަންމަދު ވަހީދުގެ ވާހަކަތަކެވެ. ކުރުވާހަކަތަކުގެ އެއްވަނަ އަދަދާއި ދެވަނަ އަދަދާއި ތިންވަނަ އަދަދުވެސް ދިވެހި ފޮތް އަލަމާރިން ފެންނާން އެބަހުއްޓެވެ. އަދި ކޮބައިތޯއެވެ. ބިންމާ އިބުރާހީމް ވަހީދުގެ އެތައް ވާހަކައެއް ނޫސްތަކުގައި ޗާޕުވެ ނުކުތެވެ. އަދިވެސް ހަމަ ލިޔުއްވަނީއެވެ. އެއަށް ފަހު އެ ވާހަކަތައް ވަކި ފޮތްތަކެއްގެ ސިފައިގައި ބިންމާ އިބުރާހީމް ވަހީދުގެ 25 ވާހަކައިގެ ނަމުގައި އެތައް އަދަދެއް ނުކުތެވެ. ހައުދަހައިވާ ރީތިވެފައި ދިވެހި ވެށީގެ ހާދިސާތައް ތިލަކޮށް ދައްކައިދީފައި އެބަހުއްޓެވެ. އެއީ ހުސް ކުރުވާހަކައެވެ. އަދި ނާވިލުތައް ވެސް ނެރެފައި އެބަހުއްޓެވެ. ދިވެހި އެންމެން ދަންނަ "ފަތިސް ހަނދުވަރު"އަކީ ވެސް ތަފާތު ނާވިލެކެވެ. އަލްފާޟިލް މުސްތަފާ ލުޠުފީގެ "ސަރިއަތް" ވާހަކައާއި އަލްފާޟިލް މުޙަންމަދު އާދަމް ސަލީމް (ހޯރަފުށީ މުޙަންމަދު ސަލީމް) ގެ ތާރީޚީ ވާހަކަތައް ވެސް ފާހަގަކޮށްލެވެއެވެ. އަލްފާޟިލް މުޙަންމަދު ޤާސިމްގެ ''އުދަބާނި" އާއި "ސަހަރޯ" ފަދަ ވާހަކަތައް ވެސް މި ލިސްޓަށް ލަމާތޯއެވެ. އަދި މި ނޫނަސް އެތައް ވާހަކައެއް ލިޔެ ބާޒާރަށް ނެރެފައިވާ އަލްފާޟިލާ ޔަޝްފާ ޢަބުދުލް ޣަނީގެ ވާހަކަތައް ވެސް ހިމަނާލަމާތޯއެވެ. މި ދެންނެވި ފޮތްތަކުން ފެންނާން ހުރީ ރިވެތި ދިވެހިބަސްމަގެވެ. ދިވެހިބަހުގެ ފެންވަރު ހުރި ކަމާއި އަސަރާއި ޖަޒުބާތު ދިވެހިބަހުގައި ވެސް އެކުލެވޭކަމެވެ. ކުށް އިބާރާތްތަކާއި ހަޑިހުތުރު ޖުމުލަތަކެއް މި ފޮތްތަކަކުން ނުފެނެއެވެ. ބަހަށް ކުރެވިފައިވާ އަގުބޮޑު ޚިދުމަތެކެވެ. ހިތުގެ ލޯތްބާއެކު ޝުކުރިއްޔާއެވެ.

ދެން ބަލައިލާ ހިތް އޮތީ ފެންވަރު ރަނގަޅު ނޫސްތަކަށެވެ. ފެންވަރު ހުރި ބޭފުޅުން ލިޔުއްވާ ކޮލަމްތަކަށެވެ. ރިޕޯޓުތަކަށެވެ. މަދަކަ ބައިވަރެއް ނޫނެވެ. އެކެއް ދެ މީހެއް ނޫނެވެ. ފަށާނީ ކިހައި ހިސާބަކުންކަން ވިސްނައިލަން ދަތިވާވަރުވެއެވެ. "ހަވީރު" ނޫހާއި "މިހާރު" ނޫހާއި "ސަން" އޮންލައިނާއި "ވަން" އޮންލައިނާއި "އަދަދު" އޮންލައިނާއި ދައުރު" އޮންލައިނާއި "އަދިވެސް" އެ ފަދަ އެތައް ނޫހެކެވެ. މިއިން ކޮންމެ ނޫހެއްގައި ވެސް ވަކީން ޚާއްޞަކޮށް ކޮލަމް ލިޔުއްވާ ބޭފުޅުންނަށާއި ރިޕޯޓު ލިޔުއްވާ ބޭފުޅުންނަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިފައިވާކަން ފާހަގަކޮށްލަމެވެ. އިޖުތިމާޢީ މައްސަލަތަކަށާއި ދީނީކަންކަމަށާއި ސިޔާސީ ކަންކަމަށާއި މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންކަމަށް އަލިއަޅުއްވައިލައްވައި ލިޔެފައިވާ އެތައް ހާސް ލިޔުމެއް އެއްތަން ކުރެވިދާނެއެވެ. ބަހުގެ ކުށްތަކުން ސަލާމަތްވެ، ރިވެތި ބަސްމަގު ބޭނުންކޮށްގެން ލިޔެފައިވާ އެތައް ލިޔުންތެރީންނެއް ލިޔުއްވަމުން ގެންދަވައެވެ. މިކަން ފާހަގަކޮށް އެ ފަރާތްތަކުގެ ނަން ލިސްޓެއް ހަދާން މަސައްކަތްކޮށްފި ނަމަ، އަޅުގަނޑުގެ މި ލިޔުން މާ ދިގުވާނެއެވެ. އެހެންވީމާ ހުރިހައި ލިޔުންތެރީންގެ ކިބައިން މާފަށް އެދޭ ޙާލު، އެކަން ބާއްވައިފައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްތަކުގެ ވެރީންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަނީ ލިޔުންތެރީން އުފެއްދުމުގެ މައި މޭސްތިރިއަކީ ތިޔައީ ކަމުގައި ދަނެ ހުރެއެވެ. ބަސް ދިރުވުމަށް ލިޔުންތެރީންނާއި ނޫސްތަކުގެ ވެރީން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަމެވެ.

ހަޑި ހުތުރު ބަހުރަވައާއި ބަހުގެ ފެންވަރު ދަށް ލިޔުންތަކާއި އާއިލާ މީހުން އެއްތާ ތިބެ ކިޔައިލާން ނުކެރޭ ލިޔުންތައް ނެރެ ހާމަކުރަނީ، އަޅުގަނޑަށް ވިސްނޭ ގޮތުގައި ރަޖިސްޓަރީ ނުކޮށް ހިންގާ ނޫސްތަކުގައެވެ. ތަންމިނަށް ހުޅުވައިލެވިފައިވާ މީސްމީޑިޔާގެ މަންސައެއް ދިވެހީންނަށް ލިބިފައިވާ ޒަމާނެއްގައި އެ ފަދަ ތަކެތި ހުންނާނެއެވެ. އެކަމަކު އެއީ ދިވެހި ލިޔުންތެރީންގެ ޙަޤީޤީ ފެންވަރެއް ނޫނެވެ. އަދި ފެންވަރު ރަނގަޅު ލިޔުންތެރީން މި ގައުމުގައި ނެތޭ ބުނެވޭނޭ ސަބަބެއް ވެސް ނޫނެވެ. ނޫސްތަކުގެ އަހުލުވެރީން ދިވެހިބަސް ހަލާކުކުރާ ކަމުގެ ޒިންމާ އެ މީހުންގެ ބޮލުގައި އަޅުވަން ޖެހޭ ސަބަބެއް ވެސް ނޫނެވެ. އެހެންވީމާ، ނިމިދިޔަ ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އަޅުގަނޑު އިއްވައިލުމަށް ބޭނުންވި އަޑު އިއްވައި ނުލެވުނީމާ އެ އަޑު މިކޮލަމް މެދުވެރިކޮށް އިއްވައިލުމުގެ އުފާ ލިބިގަންނަމެވެ. ދުވަސް ފާއިތުވެ، މާ ފަސް ވެސް ވެއްޖެއެވެ. އެހެނަސް ދިވެހި ލިޔުންތެރީންނަށް ހަމަ "އައްސަރި ބަހާއި ސާބަސް!" ރައްދުކުރަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް