މަންމައަށް އަނިޔާކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އޭނާގެ މައްޗަށް ކުރަނީ ގެވެށި އަނިޔާއާއި މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ޝަރީއަތުން ނިންމާފައިވަނީ ތުހުމަތެއް ވުޖޫދުކުރެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގެ އަލީގައި އެއީ މަންމައަށް އަނިޔާކުރި މީހެއް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އެހެންވެ، ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއާއި އޭނާ ހެއްކަށް ނުފޫޒު ފޯރުވާފާނެކަމުގެ އިހުތިމާލު އޮތުމުންނެވެ. އެއީ، މައްސަލަ ހިނގައިދިޔަ ގޮތަށް ބަލާއިރު އަނެއްކާ ވެސް މަންމައަށް އަނިޔާކޮށްފާނެކަމުގެ ބިރު އޮތުމުންނާއި އޭނާގެ މަންމައަށް ބިރުދައްކައި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތުމުންނެވެ.
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހު 25 އަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ ނުވައެއްވީ ހުކުރު ދުވަހު ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު 11 ގައި ވެސް މަންމައަށް ތަކުރާރުކޮށް އަނިޔާކުރިކަން ސާބިތުވެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމެއް ކޮށްފައެވެ.
އެ ފަހަރު މަންމައަށް އަނިޔާކޮށްގެން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ ކ. މާލެ، ހ. ގާޑަންބިއުޓީ، އިބްރާހިމް އިކްރާމާ ދެކޮޅަށެވެ. ކުށް ސާބިތުވުމުން އަށް މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ އެ ދުވަހު ހުކުމްކޮށްފައެވެ.
މި އަހަރުގެ މޭ މަހު ވެސް ފެމިލީ ކޯޓަށް ގެވެށި އަނިޔާގެ ނުވަ މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.