މި ފަސް އަހަރުގެ އަމާޒަކީ ރާއްޖެއަށް މުހިންމު ކޮންމެ މާކެޓަކުން އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ، އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެ ގައުމުގެ ތިން ސިޓީއެއްގައި ބޭއްވި ރޯޑްޝޯއާ ގުޅުން ހުރި މައުލޫމާތުތައް ހިއްސާކުރުމަށް އެމްއެމްޕީއާރުސީން މިއަދު ބޭއްވި ޕްރެސް ކޮންފަރެސެއްގައެެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެގޮތުން، އިންޑިއާ މާކެޓު ދަށްވީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ވަރަށް އެކުވެރިކޮށް ކުރިއަށް ދިއުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާއަކީ މި އަހަރު ފެށުނުއިރު ރާއްޖޭގެ އެއްވަނަ މާކެޓެވެ. ނަމަވެސް، މިހާރު ރާއްޖޭގެ މާކެޓުގައި އިންޑިއާ އޮތީ ހަވަނައިގައި ކަމަށްވާއިރު، އިއްޔެގެ ނިޔަލަށް އެ ގައުމުން 73,258 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، ސެލެބްރިޓީންނާއި އިންފުލުއެންޒާސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަށާއި މިހާރު ވާހަކަދައްމުންދާ ބައެއް އިންފުލުއެންޒާސް އަކީ 47 މިލިއަން، 50 މިލިއަން އަދި 67 މިލިއަން ވަރަކަށް ފޮލޯވަރުން ތިބި ފަރާތްތައް ކަމަށެވެ.
އެ ފަރާތްތައް ރާއްޖެއަށް ގެނެސްގެން ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ވަރަށް އަވަހަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ނިންމައިވައިފައިވާކަން މިނިސްޓަރު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާ ކަހަލަ ޗައިނާ ކަހަލަ ގައުމުތަކުގެ ދެ ސަރުކާރެއްގެ ގުޅުމަށް ޑިޕެންޑުވާ ކަމެއް ގިނަ ކަންކަމަކީ. އެހެންވީމާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާއާ އިންޑިއާ އެކީ މި އޮތީ ވަރަށް ގާތް ގުޅުމެއް. އަޅުގަނޑުގެ އަމާޒަކީ މި ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެން ބޭނުންވާ ވަރަށް މަސައްކަތް ކުރެވިއްޖެއްޔާ މިއިން ކޮންމެ މާކެޓަކުން މިލިއަނެއްހާ ފަތުރުވެރިން ގެނައުންޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް
މުހިންމު މާކެޓުތަކުން މި ފަސް އަހަރު ތެރޭގައި އެއް މިލިއަނެއްހާ ފަތުރުވެރިން ގެނައުމަކީ ޓޫރިޒަމް ސިނާއަތުގެ ކުންފުނިތަކުން މަސައްކަތްކޮށްފިއްޔާ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންޑިއާ މާކެޓު ކުރިއެރުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމާޒަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނުން ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ފަތުރުވެރިން އައުން މިހާ ބޮޑަށް ދަށްވެފައިވަނީ މި ސަރުކާރު އުފެދުމާއެކު އަވައްޓެރި ގައުމާއެކު އުފެދުނު ނުތަނަސްވަމުގެ ތެރެއިންނެވެ.
އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ޕީއެންސީ އޮތްއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައި އޮއްވައި މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް މީސްމީޑިއާގައި ޕޯސްޓުތަކެއް ކޮށްފައެވެ.
އެއަށް ފަހު އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލައިފައެވެ. އޭގެ ފަހުން، ރާއްޖެ ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ.
މި ސަރުކާރުން ވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފާފައެވެ.