ދެވަނަ ކުއާޓަރު ނިމުނުއިރު އާސަންދަ ބަޖެޓު ހުސްވަނީ

އާސަންދަ: މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އާސަންދައަށް ބަޖެޓުކުރި އަދަދުގެ ބޮޑުބައި ވަނީ ހުސްވެފައި، ބާކީ އިނީ 337 މިލިއަން ރުފިޔާ -- ސަން ފޮޓޯ

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އާސަންދަ ސްކީމަށް މި އަހަރަށް ބަޖެޓުކުރި 1.9 ބިލިއަން ރުފިޔާގެ ބޮޑުބައި ހުސްވެފައިވާ ކަމަށް އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ޚަރަދުކޮށްފައިވަނީ 738 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، މި އަހަރުގެ އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30ގެ ނިޔަލަށް އާސަންދަ ސްކީމުގެ ދަށުން 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 11.5 އިންސައްތަ އިތުރުވުމެކެވެ. އަދި، މި ކުއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން 2،807 މީހުން ރާއްޖޭން ބޭރުން ފަރުވާ ހޯދަން ފޮނުވާފައިވެއެވެ.

މީގެ އިތުރުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ފަރުވާ ހޯދި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ގޮތުން، މިދިޔަ އަހަރު ޖުމްލަ 260،725 މީހުން އެ ސްކީމުގެ ދަށުން ފަރުވާ ހޯދާފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 265،059 އަށް އިތުރުވެފައެވެ.

https://sun.mv/191852

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާސަންދައިން ދެވަނަ ކުއާޓަރުގައި 1،232 ފަހަރަށް އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް އަރައެވެ. އެހެންވެ، ދެ ކުއާޓަރުގެ މަތިން 1.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މި އަހަރަށް އާސަންދައަށް ބަޖެޓުކުރި 1.9 ބިލިއަން ރުފިޔާގެ ބޮޑުބައެވެ.

މިހާރު އެހެންވެ އާސަންދަ ބަޖެޓުގައި ބާކީ އިނީ 337 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018 ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.

ޚަރަދު ކުޑަކުރަން މި އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެންމެ ބޮޑު ހޭދައެއް އާސަންދައަށް ކުރީ މިދިޔަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ޚަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 އިންސައްތަ އިތުރުވެފައެވެ.

https://sun.mv/190294

އާސަންދަ ސްކީމުން އެވަރެޖުކޮށް ބޭހަށްކުރާ ހޭދަ 500 މިލިއަނަށް އަރައެވެ.

އެހެންވެ، ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ބޮޑުކަމުގެ ކަންބޮޑުވުން މީގެ ކުރިން ފާޅުކޮށްފައެވެ. ސަރުކާރުން ވަނީ ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން އަގުހެޔޮކޮށް މޮޅު ބޭސް ގެންނަން ވެސް ފަށައިފައެވެ.

comment ކޮމެންޓް