މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައަށް ކުރި ހޭދަ، 838 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ސިއްޙީ އިންޝުއަރެންސް ސްކީމް އާސަންދައިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ސްކީމަށް 838 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، 4.8 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރި ޖުމުލަ ޚަރަދަކީ 799 މިލިއަން ރުފިޔާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދައިގެ ޚިދުމަތް ހޯދި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މި އަހަރުގެ އެހާތަނަށް 276،439 މީހުން ވަނީ ޚިދުމަތް ހޯދައިފައެވެ.
އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚިދުމަތް ހޯދާފައިވަނީ 273،434 މީހުންނެވެ.
އާސަންދައިން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން 1،599 ފަހަރަށް ބަލި މީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި، ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލިމީހުން ވަނީ ފޮނުވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018 ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.
އާސަންދަ ނިޒާމުން އިސްރާފު ކުޑަކުރެވޭނެ ގޮތަކަށް ބަދަލުކުރުމަށް އެކިއެކި މޮޑެލްތައް ދިރާސާކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ޚަރަދު ކުޑަކުރަން މި އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެންމެ ބޮޑު ހޭދައެއް އާސަންދައަށް ކުރީ މިދިޔަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ޚަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 އިންސައްތަ އިތުރުވެފައެވެ.
އާސަންދަ ސްކީމުން އެވަރެޖުކޮށް ބޭހަށްކުރާ ހޭދަ 500 މިލިއަނަށް އަރައެވެ.
އެހެންވެ، ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ބޮޑުކަމުގެ ކަންބޮޑުވުން މީގެ ކުރިން ފާޅުކޮށްފައެވެ.