ޒަރޫރީ ބޭސް ފޯރުކޮށްދިނުމުގައި އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ސްރީ ލަންކާއާއެކު މަޝްވަރާކޮށްފި

ޒަރޫރީ ބޭސް ފޯރުކޮށްދިނުމުގައި އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ސްރީ ލަންކާއާއެކު މަޝްވަރާކޮށްފި --- ފޮޓޯ: އަދަދެރަނާ

ޒަރޫރީ ބޭސް ފޯރުކޮށްދިނުމުގައި އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ރާއްޖެއިން ސްރީލަންކާއެކު މަޝްވަރާކޮށްފިއެވެ.

ސްރީލަންކާގެ ނޫހެއް ކަމަށްވާ އަދަދެރަނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއި، ސްރީލަންކާގެ މިނިސްޓާ އޮފް ހެލްތު އެންޑް މާސް މީޑިއާ ޑރ. ނަލިންދަ ޖަޔަތިއްސަ އެ ގައުމުގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަވުމުގައި ދެ ގައުމުގެ ސިއްހީ ނިޒާމުގެ ތަޖުރިބާ އާއި ފަންނީ މައުލޫމާތު ހިއްސާކުރުމާއި، ސިއްހީ ދާއިރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ޒަރޫރީ ބޭސް ފޯރުކޮށްދިނުމުގައި އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

https://www.sun.mv/229537

މީގެ އިތުރުން ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކަށްވެސް އެ ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ. އަދި ދެ ގައުމުގައި ހުރި ވަސީލަތްތަކާއި ތަޖުރިބާގެ ބޭނުންހިފައި، ސިއްހީ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމުގެ އެއްބާރުލުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސްރީލަންކާ ސަރުކާރުން މި ފަހުން ރާއްޖެއަށް ހަދިޔާކުރި ފަސް މިލިއަން ރުޕީސްއަށްވުރެ އަގުހުރި ޒަރޫރީ ބޭހުގެ ޝިޕްމަންޓްގެ ވާހަކަ ފާހަގަކޮށް، އެ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ސަރުކާރަށާއި ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެއަށް ދިވެހި ސަފީރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެެވެ.

މީގެ އިތުރުން އެ އެހީތެރިކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމާއި އިތުބާރުކަން ސަފީރު ފާހަގަކުރެއްވިއެވެ. ސިއްހީ ދާއިރާގެ އިތުރުން، މީޑިއާގެ ދާއިރާއިން ތަޖުރިބާ އާއި މައުލޫމާތު ހިއްސާކުރުމާއި މީޑިއާގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ވިސްނުން އިތުރަށް ހަރުދަނާކުރުމުގައި މީޑިއާއަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ދަތި އެއް މައްސަލައަކީ ބޭސް ނުލިބުމެވެ. އެގޮތުން ޒަރޫރީ ބޭސް ނުލިބޭ މައްސަލަ ވެސް ވަރަށް ބޮޑެވެ. އެކަމުގެ ތަކުލީފު އެތައް ބަޔަކު ދަނީ އުފުލަމުންނެވެ.

comment ކޮމެންޓް