ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނައިރު މިދިޔަ ފަސް އަހަރު އެކަނި އެ އަދަދުތައް 60 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެކުވެރި އަރަބި އިމާރާތާއި ތައިލޭންޑުން އާސަންދަ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މިނިސްޓަރު ވިދާޅުވީ، އާސަންދައަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުން އަންނައިރު، އެ ސްކީމް މިހާރު އެކުލެވިގެންވާގޮތުން އިންތިހާއަށް އިސްރާފުވާ ކަމަށެވެ. އެހެންވެ، އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރަމުން އަންނަނީ އާސަންދަ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އައިޝަތު ޝިހާމް ވިދާޅުވީ:
- މިދިޔަ އަހަރު އާސަންދައަށް ބަޖެޓުކުރީ 1 ބިލިއަން ރުފިޔާ
- އެކަމަކު، 2.3 ބިލިއަން ރުފިޔާ ޚަރަދުކުރި
- އޭގެ ތެރެއިން 1 ބިލިއަން ޚަރަދުކުރީ ބޭހަށް
"ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު 70 ގުނަ އަދަދުތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަހަރަކަށް ވުރެ އަހަރެއް އާސަންދައަށް ކުރާ ހޭދަ ބޮޑުވަމުން އަންނަ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ނިމުނުއިރު އާސަންދައިގެ ޚަރަދުތައް ހުރީ 2018 ވަނަ އަހަރާ އަޅައިބަލާއިރު 40 އިންސައްތަ އިތުރުވެފައި ކަމަށާއި އެވްރެޖްކޮށް ފާއިތުވި ފަސް އަހަރު ތެރޭގައި 60 އިންސައްތައަށް އެ ޚަރަދުތައް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ޖީޑީޕީގެ ނިސްބަތުން ގައުމުގެ ހޭދައަށް ބަލާއިރު މުޅި ޖުމުލަ ގޮތެއްގައި ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ ހުރީ ތަރައްގީވެފައިވާ ގައުމުތަކާ ދާދި އެއް މިންވަރެއްގައި. މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ވެސް ސިއްހީ ހޭދަ ގާތްގަނޑަކަށް ދެގުނަ ބޮޑު މިންވަރެއް،" އައިޝަތު ޝިހާމް މިއަދު ވިދާޅުވިއެވެ.
"ދިވެހީންގެ ބޭސްފަރުވާއަށް މިހާ ބޮޑު ހޭދައެއް ކުރެވޭއިރު ވެސް ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމުގައިވާ މީހާއާއި އާއިލާ ސޯޝަލް މީޑިއާގައި ބޭސްފަރުވާއަށް މާލީ އެހީއަށް އެދެމުންދާކަން މިހާރު ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،"
މިނިސްޓަރު ވިދާޅުވީ، އާސަންދަ ނިޒާމުން އިސްރާފު ކުޑަކުރެވޭނެ ގޮތަކަށް ބަދަލުކުރުމަށް އެކިއެކި މޮޑެލްތައް ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި، ކަންކަން ނިންމަމުން އަންނަ ވަރަކުން ރައްޔިތުންނަށް އެ ކަންކަން ހާމަކޮށްދެއްވާނެ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ލިބޭ އެއްވެސް ޚިދުމަތެއް އުނިނުވާނެ ގޮތަކަށް އާސަންދަ ރީފޯމްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ކަމާބެހޭ އެންމެހައި މުއައްސަސާތައް ގުޅިގެން މި ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް، ވަށައިޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ހަލުވިކަމާ އެކު މާތްﷲގެ ހެޔޮ ވާގިފުޅާ އެކު ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ޚަރަދު ކުޑަކުރަން މި އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެންމެ ބޮޑު ހޭދައެއް އާސަންދައަށް ކުރީ މިދިޔަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ޚަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 އިންސައްތަ އިތުރުވެފައެވެ.
އާސަންދަ ސްކީމުން އެވަރެޖުކޮށް ބޭހަށްކުރާ ހޭދަ 500 މިލިއަނަށް އަރައެވެ.
އެހެންވެ، ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގަކީ 75-15 ބޮޑު އަގުތަކެވެ.