މިދިޔަ ހަފުތާގައި ވިނަރެސް ފުލެޓް ކައިރީގައި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އާއިލާއިން މިރޭ ބުނެފިއެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގައެވެ.
މީގެކުރިން އެ ޒުވާނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި، އޭނާގެ މޫނުމަތީގެ ބައެއް ކަށިތަކަށް ގެއްލުންފައި ހުރި ކަމަށެވެ.
މިރޭ އެ ޒުވާނާގެ އާއިލާ މީހަކު 'ސަން'އަށް ބުނީ، ޒުވާނާގެ ހާލު ސްޓޭބަލް ކަމަށާއި ނަމަވެސް މޫނުމަތީގެ ބައެއް ކަށިތަކަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ރާއްޖެއިން އޮޕަރޭޝަން ނުކުރެވޭ ކަމަށެވެ.
އެހެންވެ ޑޮކްޓަރު ހުއްދަ ދިނުމުން، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން، ޒުވާނާގެ ހާލަތު އިތުރަށް ބެލުމަށް ހެދި ސީޓީ ސްކޭނުން އެއްވެސް ނުރައްކަލެއް ނެތް ކަން އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން އަންނަ މަންޒަރެވެ.
އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ. ކާރުގެ ސްޕީޑުގެ ބާރުކަން އެނގެނީ ގަހެއްގައި ޖެހި ގަސް ވެސް ބިންދައިގެން ދިއުމުންނެވެ.
މި ހާދިސާގައި ކާރުގެ ފަހަތާއި ކުރިމައްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މި މައްސަލައާ ގުޅިގެން ކާރުގައި އިން އިކްރާމުއްރަހްމާނާއި އިބްރާހީމް އިކްރާމްގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މި މަހުގެ އެކެއްގައި އަމުރުކޮށްފައިވާއިރު، މައްސަލާގައި ހިމެނޭ ތިންވަނަ މީހާ ޖިނާހް އިސްމާއީލްގެ ބަންދަށް ހުޅުމާލޭ ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.