ކަރަންޓު ބިލުތަކުގައި މައްސަލައެއް ހުރިކަން ފާހަގައެއް ނުވޭ: ޔޫއާރުއޭ

ސްޓެލްކޯގެ ފަރާތުން ހިންމަފުށީގައި 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް އިންސްޓޯލް ކުރަނީ: ކަރަންޓު ބިލުތަކުގައި މައްސަލައެއް ހުރިކަން ފާހަގަވެފައެއް ނެތް ކަމަށް ޔޫއާރްއޭ އިން މިއަދު ވަނީ ބުނެފައި -- ފޮޓޯ/ ސްޓެލްކޯ

ކަރަންޓު ބިލުތައް ބޮޑުވާ މައްސަލައާ ގުޅިގެން ހޯދި ހޯދުންތަކުން ދައްކާގޮތުގައި ބިލުތަކުގައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ކަމަށާއި ބިލު ކުރުމުގައި މައްސަލައެއް ހުރިކަން ފާހަގަވެފައި ނެތް ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އިން މިއަދު ބުނެފިއެވެ.

ފާއިތުވެ ދިޔަ ދެތިން މަހު ވެސް ކަރަންޓު ބިލު ބޮޑުވެ، އާންމުން ވަނީ ސޯޝަލް މީޑިއާގައި އެތައް ޝަކުވާތަކެއް ކޮށްފައެވެ. ނަމަވެސް، ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް މި މަހު ވެސް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް ބުނެ މީހުން ނުރުހުން ފާޅުކޮށްފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެސްއެސްޓީވީގެ 'ބާރުހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ކަރަންޓް ބިލުތައް ބޮޑުވާ މައްސަލަ، ޔޫއާރުއޭއިން ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު -- ފޮޓޯ/ ރައީސް އޮފީސް

އެކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ޔޫއާރުއޭއިން ބުނީ، ކަރަންޓު ބިލު ބޮޑުވާ މައްސަލައިގެ ތަހުގީގުކުރުމަށް ޑޭޓާ ސެޓް، ޔޫޓިލިޓީ ކުންފުނިތަކުން ހޯދުމަށްފަހު އެ އޮތޯރިޓީން ދިރާސާ ކުރިކަމަށެވެ.

އަދި އެ އޮތޯރިޓީގެ ހޯދުންތަކުން ދައްކާގޮތުގައި ބިލުތަކުގައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ކަމަށާއި ބިލު ކުރުމުގައި މައްސަލައެއް ހުރިކަމަށް ފާހަގަވެފައި ނެތް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބިލު ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވުމުންކަން އެ ދިރާސާއިން ދައްކާ ކަމަށް ވެސް ޔޫއާރުއޭއިން ބުންޏެވެ.

ހަމައެއާއެކު ކަރަންޓު ބިލުތައް ބޮޑުވެފައިވާ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ޔޫއާރުއޭއަށް ރަސްމީގޮތެއްގައި އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ނަމަވެސް، ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުން ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތައް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ރަސްމީކޮށް ޔޫއާރުއޭއަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެކަން ބަލާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އެއްވެސް ފަރާތަކުން ޔޫއާރްއޭއަށް ރަސްމީކޮށް ހުށަހަޅައިފިނަމަ މި އޮތޯރިޓީން އެކަމެއް ތަހުގީގުކުރާނެ. އަދި މައްސަލަ ބެލުމުގެ ތެރޭގައި ބިލުކޮށްފައިވާ އަދަދުގައި އެއްވެސް މައްސަލައެއްވާކަމަށް ފެނިއްޖެނަމަ އެ މައްސަލަ އަވަހަށް ހައްލުކުރުމަށްޓަކައި ޚިދުމަތްދޭ ފަރާތާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނަން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ

ރާއްޖޭގައި ކަރަންޓު ފޯރުކޮށްދެމުން ދަނީ ސްޓެލްކޯއާއި ފެނަކަ މެދުވެރިކޮށެވެ.

މުއާޒު މީގެ ކުރިން ވިދާޅުވީ ކަރަންޓު ބިލާ ގުޅިގެން ފެނަކައިގެ މައްސަލައެއް އުޅޭކަމަކަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް، އެ މައްސަލައިގައި އާންމުންގެ ޝަކުވާ މިހާރު ބޮޑުވުމުން އެކަން ބަލަން ޖެހޭ ކަމަށާއި އެމައްސަލަ ބަލަންޖެހޭނީ ފެނަކަ އަދި ސްޓެލްކޯއިން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މުއާޒު ވިދާޅުވިގޮތުގައި، ކަރަންޓުބިލު ބޮޑުވާ މައްސަލަ ބަލަންޖެހޭނީ ޔޫޓިލިޓީ އޮތޯރިޓީންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ -- ފޮޓޯ: ރައީސް އޮފީސް

ކަރަންޓު ބިލު ބޮޑުވާ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މި މަހުގެ ކަރަންޓު ބިލުތައް ކުޑަވެފައި ވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބިލު ބޮޑުވެފައި ވަނީ ވަރަށް މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މި މައްސަލައިގައި ސްޓެލްކޯއަށް އާންމުންގެ ފަރާތުން ވަނީ ޝަކުވާތައް ހުށަހަޅާފައެވެ. ޝަކުވާތަކަށް ބެލުމަށްފަހު ސްޓެލްކޯއިން ބުނީ ގޭބިސީތަކުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުކަން ފާހަގަކުރެވިފައި ވާކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ރޯދަ މަހު ބޭނުންކުރާ ކަރަންޓާއި ފެނުން ޑިސްކައުންޓު ދޭން ނިންމަވާފައެވެ. އެގޮތުން، މި އަހަރުގެ މާޗު މަހުގެ ބިލާއި އޭޕްރީލް މަހުގެ ބިލުން ވެސް ވަނީ ޑިސްކައުންޓު ދީފައެވެ.

comment ކޮމެންޓް