ޓޯކިން އިކޮނޮމީ: 15 ބިލިއަން ހޯދުން ފަސޭހަނުވާނެ، ލިބެން އޮތް ފައިސާއަށް އިސްކަން ދޭން ޖެހޭ

މީރާ ހިންގަމުންދާ އިމާރާތް: ދައުލަތަށް ނުލިބި ހުރި ފައިސާގެ އަަދަދު މިހާރު 15 ބިލިއަން ރުފިޔާއަށް އަރާ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތަށް މިހާތަނަށް ނުލިބި އޮތް 15.4 ބިލިއަން ރުފިޔާ އަނބުރާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، އޭގެ ތެރެއިން ލިބެން އޮތީ ކޮން ފައިސާއެއްކަން ދެނެގަނެ އެ ފައިސާ ހޯދަން އިސްކަން ދޭން ޖެހޭ ކަމަށް އިގުތިސާދު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ޓޯކިން އިކޮނޮމީ' ޕްރޮގްރާމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙުމަދު މުޙައްމަދު ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ 7.76 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން ފީތަކުގެ ގޮތުގައި ލިބެންޖެހޭ 7.68 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

އެއީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރާ އެއްވަރު އަދަދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ އެއް ފަހަރާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުލިބިދާނެ އަދަދެއް ކަމަށެވެ.

"އެހާ ފަސޭހައިން ނުލިބިދާނެ ކަމަށް އަޅުގަނޑު މި ފާހަގަކުރަނީ މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތުގެ މައްޗަށް ކުޑަކޮށް ވިސްނާލާފައި. މިގޮތުން ފުރަތަމަ މި 15.4 ބިލިއަން ރުފިޔާގެ ތެރޭގައި އެބަ ހިމެނޭ ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ ޖޫރިމަނާއާއި އިންޓްރެސްޓްގެ ގޮތުގައި،" އަޙުމަދު ވިދާޅުވިއެވެ.

"މާޒީގައި ކޯޓުތަކުން ނިންމައިފައިވާ މައްސަލަތަކަށް ބަލައި އިރުގައި ޖޫރިމަނާއާއި އިންޓްރެސްޓަކީ ދައްކަން ނުޖެހޭ ބައެއްގެ ގޮތުގައި ކޯޓުތަކުން ނިންމާފައި އެބަހުރި، އެހެންވީމަ މިއީ ރިސްކެއް."

އިތުރު ހުރަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ 15 ބިލިއަންގެ ތެރޭގައި ހިމެނޭ ބައެއް ފައިސާއަކީ ދައްކަން ޖެހޭ ފައިސާކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތުމެވެ. އެގޮތުން ބައެއް ރިޒޯޓުތަކުގައި ކުއްޔާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިމުގެ ކުއްލި ދެއްކުމާ ގުޅޭ ގޮތުން ސުވާލު އުފެއްދެން އޮންނަ ކަމަށް އަޙުމަދު ވިދާޅުވިއެވެ.

"ބިމުގެ ކުލީގެ ގޮތުގައި ލިބެން މި އޮތީ ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ. މީގެ ލަފާ ކުރެވޭ ގޮތުގައި ގިނަ ވާނީ ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ހަދަން ނުފެށި ނުވަތަ ހެދުމުގެ މަގުމަތީގައި ހުރި ރަށްރަށް. މިގޮތަށް މިކަންކަން ހުރި ނަމަ އެއީ އެހާ ފަސޭހައިން ލިބޭނެ ފައިސާއެއް ނޫން އަދި މިކަމާ ކޮންޓެސްޓް ކުރުމުގެ ފުރުސަތު ވެސް އޮތް ކަންކަން،" އޭނާ ފާހަގަކުރެއްވިއެވެ.

އެ ވާހަކައާ ގުޅުވައި ދައުލަތުގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލާ އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު ވިދާޅުވީ އެފަދަ މައްސަލަތައް ހުރުމުން، ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ފައިސާ ނުދައްކާ މުއްދަތާއި ސަބަބު ބަލައި މިހާރު ލިބެން ހުރި ފައިސާ އަންދާޒާ ކުރަން ޖެހޭ ކަމަށެވެ.

"ދަރަންޏެއް ގޮތުގައި ދައްކަން ޖެހޭ އެއްޗެއް ދިގު މުއްދަތަކަށް ދެމިގެން ދަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެ. އެ ދައްކަން އޮތް މީހާއަށް ނުދެއްކެނީ ކަމަށް ވެސް ވެދާނެ، ދެއްކެން ނެތީތީ ނުދައްކާ ހުރީ ކަމަށް ވެސް ވެދާނެ އެހެން ނޫނީ މިކިޔާ ލިކުއިޑިޓީ ނެތިގެން އޭނައަށް ނުދެއްކެނީ ކަމަށް ވެސް ވެދާނެ،" އޭނާ ވިދާޅުވިއެވެ.

އެ ފައިސާ އަނބުރާ ލިބުނު ނަމަވެސް އެއީ އާމްދަނީއެއްގެ ގޮތުގައި ދެކިގެން ޚަރަދު ކުރުން ރަނގަޅު ނޫން ކަމަށް އަސްއަދު ވިދާޅުވިއެވެ. އެގޮތުން އާމްދަނީއެއްގެ ގޮތުގައި ބަލަން ވާނީ ލިބިލިބި ހުންނަ އެއްޗަކަށް ކަމަށާއި، ވާރުތަވެގެން ނުވަތަ 'ހޮވާ މާވަހަރަކުން' ލިބޭ ފައިސާއަކީ އާމްދަނީ ކަމަށް ދެކިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ފަހަރު ބަޖެޓު ފޫބެއްދުމަށް ޓަކައި ވެސް ކުރާ ކަމެއް ކޮންމެވެސް އެއްޗެއް ވިއްކާލައިގެން ލިބޭ އެއްޗަކުން ބަޖެޓު ފޫބައްދާލަނީ. އެހެނެއް ނުކުރެވޭނެ އެ ކަމެއް. އެފައިސާއަކީ ލިބިލިބި ހުންނަ އެއްޗަކަށް ނުވާ ކަމުގައި ވާނަމަ އަޅުގަނޑުމެންގެ މިހިރަ ސްޓްރަކްޗަރަލް މައްސަލަ އަނެއްކާވެސް ދާނީ އިތުރަށް ބޮޑުވަމުން," އަސްއަދު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯއްދަވާނެ ކަމަށާއި އެ ފައިސާއިން ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/194777

މިނިވަން ދުވަހު ދެއްވި ޚިތާބުގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ، އެ ފައިސާ ހޯދަން ކޯޓަށް ދާންޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށާއި އެ ހިސާބަށް ނުގޮސް ވިޔަފާރިވެރިން އެ ފައިސާގެ ދެބައި ކުޅަ އެއްބައި ދައްކާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

comment ކޮމެންޓް