ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ސަރުކާރުތަކުގައި ދައުލަތަށް ހޯދަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދާ ހުރި ކަމަށެވެ. އެއީ، ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިމު ކުއްޔަށް އެކަނި ވެސް ނުހޯދާ 513 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޯލަރު ދައުލަތަށް ނުލިބި އެބަ ހުރި ކަމަށާއި އެއީ މިދިޔަ ސަރުކާރުތަކުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެލީޒް
ރައީސް އިތުރަށް ވިދާޅުވީ، ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުތަކުން ދައުލަތަށް ނުހޯދާ ހުރި ކަމަށާއި ކޯޕަރޭޓިވް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ނުޙޯދާ ހުރި ކަމަށެވެ.
ގާތްގަނޑަކަށް ތޭރަ ހާސް މިލިއަން، ތޭރަ ބިލިއަން ރުފިޔާގެ ފައިސާ މި ހުރީ ނުހޯދާ. ހޯދާކަށް ނޫޅެ. އެ ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ، އިރާދަކުރެއްވިއްޔާ އެ ފައިސާ ހޯދާނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު
މިހާރު ވެސް އެ ފައިސާތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކަށް ސިޓީ ފޮނުވުމުން މިހާރު ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ.
ގައުމުގެ ދަރަނިން ސަލާމަތްވުމަށް އެ ފައިސާ ހޯދަން ޖެހޭ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެހެނިހެން ވައްކަންތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ފަސް ނުޖެހޭނެ ކަމަށެވެ.
ވިޔަފާރިވެރިން ފައިސާ ދައްކާނީ އެ ފައިސާ ހޯދަން އުޅުނީމާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ހަފުތާ ތެރޭގައި ވެސް އެ ފައިސާގެ ތެރެއިން ބައެއް ދައުލަތަށް ލިބިފައިވާ ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: އެ މަނިކުފާނު ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދާނެކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެކި ޑިސްޕިއުޓްގެ ތެރެއިން އެ ފައިސާ ހޯދަން ކޯޓަށް ދާންޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށާއި އެ ހިސާބަަށް ނުގޮސް ވިޔަފާރިވެރިން އެ ފައިސާ ދެބައި ކުޅަ އެއްބައި ދައްކާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ގައުމުގައި އަދުލުވެރިކަން ގާއިމުވި ކަމަށްވާނީ ވެރިކަމާ އެކު، ކޮންމެ ކަމަކަށް ހަމަހަމަކަން ގާއިމު ކުރުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް ޚާއްސަކޮށް އަދި ޖުމްލަކޮށް ފައިސާ ހޯދުމުގެ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފުކުރާނަން. އެކަމުގެ މަސައްކަތްތައް އެދަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ރަނގަޅު ގަވަނަންސް ނިޒާމެއް ގާއިމުކުރުމަށްޓަކައި ކޮރަޕްޝަން ނައްތާލުމަކީ މުހިންމު ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި، ދުވަހަކު ރާއްޖޭގައި ނުކުރާ ފެންވަރަށް ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.