މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައިގައި މި އަހަރު ވެސް ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
އެ ގޮތަށް ނިންމާފައި ވަނީ މިދިޔަ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އަހަރުގެ ފެބުރުވަރީގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެ އޮފީހުން ބުނީ މި ގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.
ރަމަޟާންމަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.