މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން މިދިޔަ އަހަރު އުވާލަން ނިންމި އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަން ކެބިނެޓުން ނިންމައިފިއެވެ.
އެގްރޯނެޓަކީ، ވަކި ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2020ގައި އުފެއްދި ކުންފުންޏެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަޒީރުންގެ ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި އުވާލުމަށް ނިންމަވައިފައެވެ. އޭގެ ތެރެއިން އުވާލަން ނިންމެވި ކުންފުނިތަކުގެ ތެރޭގައި އެގްރޯނެޓް ހިމެނުނެވެ.
ރައީސް އެންގެވީ އެ ކުންފުނީގެ މަސައްކަތްތައް، އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރުމަށެވެ.
މިއަދު ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ވިލަރެސްކޮށް، އަމާޒުތައް ކަނޑައަޅާގޮތަށް އެގްރޯނެޓްގެ މަސައްކަތްތައް އަލުންފެށުމަށް މިހާރު ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާ ކަމަށެވެ.
އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެސް ރައީސް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމީ އެގްރޯނެޓަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެމަށް ކަމަށް ވެސް އެ މިިނިސްޓްރީން ބުންޏެވެ.
ގައުމުގެ އުފެއްދުނަތެރިކަން އިތުރުކޮށް، އިގުތިސާދު ހަރުދަނާ ކުރުމުގެ މަގުސަދުގައި މި ސަރުކާރުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދައިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ އެ ބަދަލުގެ މައިގަނޑު މަގުސަދަކީ އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށެވެ.
މިދިޔަ މަހު ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސްވަނީ، އެގްރޯނެޓް ނުއުވޭ ކަމަށާއި، އެ ނިޒާމުގެ ތެރެއިން ރާއްޖޭގެ ދަނޑުވެރިކަން ސިންދަފާތުކޮށް, އިތުރަށް ކުރިއެރުވުމުގެ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ޚަރަދުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ގޮވާލަމުން އަންނަތާ އަހަރުތަކެއްވެއްޖެއެވެ. މި ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް، ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުން ފަދަ ގިނަ ފިޔަވަޅުތައް އަޅަން ރާވައިފައެވެ. އެހެންނަމަވެސް އެ ފިޔަވަޅުތައް އެޅުން ލަސްވުމުންނާއި، ޚަރަދުތައް ކުޑަ ނުކުރެވޭތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.