ކާރު ޕާކުކުރާނެ ޖާގައެއް ނުދައްކާ ގިނަ އަދަދެއްގެ ވެހިކަލްތައް ޓޯކުރާތީ އެކަމާ ދެކޮޅަށް ރޭސިން ކޮމިއުނިޓީއާއި ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން ފަށައިފިއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްދާ މި މުޒަހާރާގައި ޑްރައިވަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ވެހިކަލް ޓޯކުރަނީ ޕާކު ކުރާނެ ޖާގައެއް ނުދައްކާ ކަމަށާއި، ޓޯ ކުރުމުގެ ތެރޭގައި ވަރަށް ގިނަ ވެހިކަލަށް ގެއްލުން ލިބިފައި ވާކަން މުޒާހަރާގެ ބައިވެރިން ފާހަގަކުރިއެވެ.
މީގެ އިތުރުން، ވެހިކަލްތައް ޓޯކުރަނީ އެއްވެސް ނޯޓިސްއެއް ނުދީކަން އެމީހުން ވަނީ ފާހަގަކޮށްފައެވެ.
"ޓެކްސީ ޑްރައިވަރުންގެ އާއިލާތައް ތިބީ ބިރުން. މިއަދު ސައިބޯލައިގެން ކެފޭއިން ނުކުންނައިރު އޮންނަނީ އުޅަންދު ޓޯކޮށްފަ. އަނެއްކާ ޓޯކުރާއިރު މި އޮންނަނީ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި،" މުޒާހަރާތެރޭ އަޑުގަދަކުރާއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެހެންކަމުން މީހުންގެ އަގުބޮޑު މުދަލަށް ގެއްލުން ނުދިނުމަށް މުޒަހަރާގައި ވަނީ ގޮވާލާފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލަމުންދާއިރު، މުޒާހަރާ ކުރަން ފަށާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ގިނަ އަދަދެއްގެ ރޭސިން ކާރުތަކެއް ޓޯކޮށްފައި ވަނިކޮށެވެ.
ރޭ ވެސް ވެހިކަލް ޓޯކުރުމާ ދެކޮޅަށް މުޒާހަރާކޮށްފައިވާއިރު، މި ހަރަކާތުގައި ޒުވާނުން ވެސް ޝާމިލްވާކަން ފާހަގަކުރެވެއެވެ.
އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާތީ ފުލުހުން ހަރަކާތްތެރިވާތަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.
ޓޯކުރުމުގެތެރޭ ކާރަކަށް ބޮޑެތި ގެއްލުންތަކެއްވި މައްސަލައެއް މިދިޔަ ބުދަ ދުވަހު ފެންމަތިވިއެވެ. އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ ކާރަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް ފުލުހުން ވެރިފަރާތަށް އެހީވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ސަރަހައްދުގެ ޓްރެފިކްގެ ހާލަތު ގޯސްކުރީ ސަރުކާރުތަކުން ކަމަށާއި، ދިރިއުޅެވޭ ހާލަތަށް ޓްރެފިކް ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަނީ މިރޭ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުތަކުގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ މަގުތަކުގައި ގިނަދުވަހު ބޭނުން ނުކޮށް ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ވަނީ ފަށާފައެވެ.