ޓޯކުރަނިކޮށް ކާރަކަށް ބޮޑެތި ގެއްލުންތަކެއް؛ މަރާމާތަށް ފުލުހުން އެހީވަނީ

ޓޯކުރަނިކޮށް ކާރަކަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯ: ފުލުހުން ވަނީ ކާރު މަރާމާތު ކުރަން އެހީވާނެ ކަމަށް ބުނެފައި -- ފޮޓޯ/ ފޭސްބުކް

ފުލުހުން ކާރެއް ޓޯކުރުމުގެ ތެރޭގައި އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ކާރުގެ މަރާމާތުގައި އެހީވެދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލަ ފެންމަތިވީ ފުލުހުން ޓޯކުރި އުޅަނދެއް ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ކާރުގެ ބިއްލޫރިގަނޑު ތެޅި، ކުރީކޮޅާއި މަތިން ވެސް ވަރަށް ބޮޑަށް ބަނޑިވެފައިވާ މަންޒަރު ފެނެއެވެ.

އެ ފޮޓޯތައް ހިއްސާކޮށް މީހަކު ވަނީ އެ މައްސަލައިގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ސުވާލުކޮށް، ކަމާ ގުޅުން ހުރި މުއައްސަސާއަކަށް މައްސަލަ ހުށަޙަޅައިފި ނަމަ އިންސާފު ނުލިބި ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބުނެފައެވެ.

އެ ވާހަކައާ ގުޅުވައި ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ ކާރަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް ފުލުހުން ވެރިފަރާތަށް އެހީވާނެ ކަމަށެވެ.

"އަދި މިކަން ހިނގާދިޔަގޮތުގެ ތަޙްޤީގެއް ފުލުހުންދަނީ ކުރަމުން،" އޭނާ ވިދާޅުވިއެވެ.

އެ ކާރުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންކުރާ ކާރެކެވެ.

comment ކޮމެންޓް