މާލޭ ސަރަހައްދުގެ ޓްރެފިކްގެ ހާލަތު ގޯސްކުރީ ސަރުކާރުތަކުން ކަމަށާއި، ދިރިއުޅެވޭ ހާލަތަށް ޓްރެފިކް ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުކަމުން ދިރިއުޅުމަށް ދަތިވާ ކަމަށެވެ.
މާލެއާއި ހުޅުމާލޭގެ މަގުތައް ގޮނޑަކަށް ވާން ދޫކޮށްލީ ކުރީ ސަރުކާރުތަކުން ކަމަށާއި ނުގަވާއިދުން ގަރާޖުތައް ދޫކުރުމާއި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ބޭނުން ކުރަން ދޫކޮށްލާފައި އޮތްކަމަކީ އެންމެނަށް ވެސް އެނގޭ ކަމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، އެ މައްސަލައަށް އަވަސް ހައްލެއް ގެނެވެން ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ފައިދާއަށްޓަކައި އެ މައްސަލަތައް ހައްލު ކުރަން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
މީގެއިތުރުން، މިނިސްޓަރު ވަނީ އެ މައްސަލަ ހައްލު ކުރުމަށް އާންމުންނާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މާލެ ސަރަހައްދުތަކުގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ މަގުތަކުގައި ގިނަދުވަހު ބޭނުން ނުކޮށް ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ވަނީ ފަށާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކާރު ރަޖިސްޓްރީކުރުމާއި ގަރާޖުތަކުގެ ކަންކަން ހަރުދަނާކުރުމަށް މިހާރު ޓްރާންސްޕޯޓު މިނިސްޓްރީން ކާރު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން ގަރާޖުތައް ބަލައެވެ. އެހެންވެ، ކާރު ރަޖިސްޓްރީކުރުން ދަތިވެފައިވާ ކަމަށް ބުނެ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރެއެވެ.
މާލޭ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކާ ސަރުކާރުން ކުރިއަށްގެންދާ "މާލެ ފަހި" ޕްރޮގްރާމް ވަނީ މިދިޔަ މަހުގެ 24ގައި އިފްތިތާހުކޮށްފައިވެއެވެ.