ހަނިއްޔާއާ ގުޅޭ ސަރުކާރުގެ ބަޔާނަށް ޔާމީންގެ ނުރުހުން: ''އިޒްރޭލޭ ބުނަން ވެސް ނުކެރުނު''

ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި: ޔާމީން ވަނީ، ސަރުކާރުން ހަނިއްޔާއާ ގުޅޭ ގޮތުން ނެރުނު ބަޔާނާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވައިފައި -- ސަން ފޮޓޯ/ އަމަން ލަތީފް

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އިޒްރޭލުގެ ވާހަކަ އެއްވެސް ވަރަކަށް ގެނެސްފައި ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެ ފަަލަސްތީނާ އެކުވެރިކޮށް އޮތް ގައުމެއް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ފަލަސްތީނު ސިފަކުރަމުން އައީ އެގޮތަށް ކަމަށެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ހަނިއްޔާ އަވަހާރަކޮށްލުމުން ޖަނާޒާ ބޭއްވިއިރު ވެސް، ސަރުކާރުން އެކަން ކުށްވެރިކޮށްފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށް އިއްޔެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނު ނަމަވެސް، އޭނާ އަވަހާރަކޮށްލީ ކާކު ކަމެއް ބަޔާނުގައި ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

"އިޒްރޭލު ކުށްވެރިކޮށްލާކަށް ވެސް ނުކެރުނު. ދެން ކޮބާ ޚާރިޖީ ސިޔާސަތު މިނިވަން ވެފައި؟ ކޯއްޗެއް މިނިވަން ވެގެން އުޅޭ ވާހަކަ ޖުލައި 26ގެ މިނިވަން ދުވަހުގެ ޚިތާބުގައި ރައީސް [ޑރ. މުޙައްމަދު] މުއިއްޒު ވިދާޅުވީ؟" އެ މަނިކުފާނު އެއްސެވިއެވެ.

އެ މައްސަލައަކީ ދިވެހިންގެ ހިތްތަކާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައި ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހޮވައިފައި ތިއްބެވި މެންބަރުން މި ހާލަތުގައި ސަރުކާރުގެ ވިސްނުމާ ޚިލާފުކަން ހާމަކުރަން ޖެހޭ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު: ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށް ސަރުކާރުން އިއްޔެ ބަޔާނެއް ނެރެފައިވޭ -- ފޮޓޯ/ ރައީސް އޮފީސް

"އެއީ ރައްޔިތުންގެ މަޖިލީހެއް މަޖިލީހަކީ، ރައީސް މުއިއްޒުގެ މަޖިލީހެއް ނޫން. އެތާ ތިބެދާނެ ޕީއެންސީގެ އަގުލަބިއްޔަތު ނުވަތަ ބޮޑު އަގުލަބިއްޔަތު އޮތް ބައެއް އެކަމަކު ރައްޔިތުންނަށް ތެދުވެރި ވަންހެއްޔޭ؟ އަޅުގަނޑުމެން ކޮށްގެން މިތިބަ ހުވަޔަށް ތެދުވެރި ވަންހެއްޔޭ؟،" ޔާމީން ސުވާލު އުފެއްދެވިއެވެ.

ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށް ސަރުކާރުން ނެރުނު ދެ ޖުމްލައިގެ ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނިއްޔަތުގެ ގާނޫނު ނަގަހައްޓައި، ޣައްޒާގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ވަގުތުން މަސައްކަތް ކުރުމަށް ދުނިޔެއަށް ގޮވާލާ ކަމަށެވެ.

https://sun.mv/194991

އެ ގޮވާލުމާ ގުޅުވައި ޔާމީން ވިދާޅުވީ މިހާރު ޖެހިގެން އުޅެނީ މުޅި ދުނިޔޭގެ މައްސަލައެއް ނޫން ކަމަށާއި ޖަރީމާތައް ހިންގަނީ ޔަހޫދީ ދައުލަތުން ކަމަށެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތެއް ކަމަށް ވިދާޅުވެ އެ މަނިކުފާނު ތުހުމަތު ކުރެއްވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައި ވަނީ އެ މައްސަލައި 'މަރައިލުމަށް' ކަމަށެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމައި، އެ ކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް މިދިޔަ ޖޫން މަހު 10 ގައި ވަނީ ފޮނުވައިފައެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައަށް ކުރިއަށް ގެންގޮސްފައިނުވެއެވެ.

ހަނިއްޔާ އަވަހާރަކޮށްލީ އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒިޝްކިޔާންގެ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

އީރާނާއި ހަމާސްއިން ވަނީ ހަނިއްޔާ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އިޒްރޭލު ކަމަށް ތުހުމަތުކޮށްފައެވެ.

https://sun.mv/195006

ހަނިއްޔާ އަވަހާރަކޮށްލީ ރޮކެޓު ހަމަލާއެއްގައި ކަމަށް ދޭހަވާ ގޮތަށް މީގެ ކުރިން ހަމާސްއާއި އީރާނުން ވާހަކަދައްކައިފައިވެއެވެ. ނަމަވެސް އޭނާ އަވަހާރަކޮށްލީ، ތެހެރާނުގައި ހުންނެވި ގެސްޓްހައުސްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ދޭހަވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ބޮން ހަރުކޮށްފައި ވަނީ ހަނިއްޔާ ވަޑައިގަތުމުގެ ގާތްގަނޑަކަށް ދެ މަސް ކުރިން ކަމަށް އެ ނޫސްތަކުގައިވެއެވެ.

comment ކޮމެންޓް