ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ދޫކުރެވޭ އެއްޗެއް ނޫން ކަމަށާއި، މިއީ ޑިވެލޮޕަރުންނާއި ބިމުގެ ވެރިފަރާތްތަކާ ދެމެދު ވެވޭ ޚާއްޞަ ވިޔަފާރި އެއްބަސްވުމެއްގެ ދަށުން ހިންގާ މުޢާމަލާތްތަކެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަބޫދާބީގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް 99 އަހަރަށް ރަސްމާލެ މަޝްރޫޢު ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެކަމަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މިފަދަ މަޝްރޫޢުތަކުގެ ވިޔަފާރި މޮޑެލް ހިނގާގޮތް ތަފްޞީލުކޮށްދެއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށެވެ. މީގެ ބަދަލުގައި، ޑިވެލޮޕަރާއި ބިމުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމެއް އެކުލަވާލެވެނީ ރެސިޑެންސީ ނުވަތަ ގޯއްޗާއި ގެދޮރު އެކުލެވޭ ގޮތަށް އެ ތަންތަން ތަރައްގީކޮށް ވިއްކުމަށެވެ.
https://x.com/MohamedNasheed/status/2122607496254861667
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ލިބޭ އެއްޗެއް ނޫން އެއީ ޑިވެލޮޕަރާއި ބިމުގެ ވެރިފަރާތުން އެއްބަސްވުމެއް ހަދަނީ ރެސިޑެންސީ ވިއްކަން. ޑިވެލޮޕަރު އިންވެސްޓްމަންޓް ކެޕިޓަލް ހަމަޖައްސާއިރު، ބިމުގެ ވެރިފަރާތުން ފޯރުކޮށްދެނީ ބިން. އަދި ރެސިޑެންސީ ވިއްކާލުމުން، ދެ ފަރާތަށްވެސް އޭގެ ފައިދާ ލިބޭ،" ނަޝީދު ވިދާޅުވިއެވެ.
އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު..... ސަން ފޮޓޯމި މޮޑެލްގެ ދަށުން މަޝްރޫޢަށް ބޭނުންވާ މާލީ އިންވެސްޓްމަންޓް ނުވަތަ ކެޕިޓަލް ފޯރުކޮށްދެނީ ޑިވެލޮޕަރުން ކަމަށާއި، ބިމުގެ ވެރިފަރާތުން މަޝްރޫޢަށް ފޯރުކޮށްދެނީ ތަރައްގީކުރާނެ ބިން ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ވަކި ފަރާތަކަށް އެއްވެސް އަގަކާ ނުލައި މުދާ ލިބޭ އުސޫލެއް ނޫން ކަމަށާއި، ބިމުގެ އަގާއި އިންވެސްޓްމަންޓް އެއްކޮށްލައިގެން ހިންގާ ޕާޓްނަޝިޕެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތަށް ތަރައްގީކުރެވޭ ރެސިޑެންސީތައް ވިއްކުމުން ލިބޭ މާލީ މަންފާ ބެހިގެންދަނީ ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމާ އެއްގޮތަށް ކަމަށާއި، އޭގެ ސަބަބުން ޑިވެލޮޕަރުންނަށް އިންވެސްޓްމަންޓުން ފައިދާ ލިބޭއިރު، ބިމުގެ ވެރިފަރާތަށްވެސް އެ ބިމުގެ ޙަގީގީ އަގާއި އިތުރު މާލީ ފައިދާ ލިބިގެންދާނެ ކަމަށް ނަޝީދު ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި ކުރެއްވި އެހެން ޕޯސްޓެއްގައި ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ސަބަބުން އިގުތިސާދު އިތުރަށް ވަރުގަދަވާ ކަމަށެވެ.
އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކީ ގައުމުތަކަށް ކަމަށާއި، މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިނިވަންކަމަށް ބޭރުގެ އިންވެސްޓްމަންޓްތަކުން އެއްވެސް ބުރޫއެއް އަރާފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް ޔާމީން "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި އާޓިފިޝަލް ބީޗު ދަރަހައްދުގައި.. ސަން ފޮޓޯ/ ޝާތިއުނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ގައުމީ ހަރަކާތެއް ފަށައި، ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި އިދިކޮޅު ޕާޓީތައް ގުޅިގެން ޖަލްސާއެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.
އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އީގަލް ހިލްސްއަށް ރަސްމާލެ މަޝްރޫއު ދޭން އުޅެނީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި، އެހެން ސަރުކާރެއް އަތުވެއްޖެ ނަމަ އެ އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މީގެއިތުރުން މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެފަދަ ވޯޓަކަށް ވަޑައިނުގަންނަވާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.