ހަނިއްޔާ އަވަހާރަކޮށްލީ ގެސްޓް ހައުސްގައި ދެ މަސްކުރިން ހަރުކުރި ބޮމެއް ގޮއްވާލައިގެން

ހަނިއްޔާ އީރާނުގައި ހުންނެވިކަމަށް ބެލެވޭ ގެސްޓްހައުސް: ހަނިއްޔާ އަވަހާރަކޮށްލީ މީގެ ދެ މަސް ކުރިން އެ ގޭގައި ހަރުކުރި ބޮމެއް ގޮއްވާލައިގެން ކަމަށް ވަނީ ރިޕޯޓުކޮށްފައި -- ފޮޓޯ/ ނިއު ޔޯކް ޓައިމްސް

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލީ އޭނާ އީރާނަށް ވަޑައިގަންނަވާއިރު އާންމުކޮށް ހުންނަވާ ގެސްޓްހައުސްގައި ދެ މަހެއްހާ ދުވަސް ކުރިން ހަރުކުރި ބޮމެއް ގޮއްވާލައިގެން ކަމަށް ރިޕޯޓުކޮށްފިއެވެ.

ސީއެންއެންއިން ކަމާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ބޮން ގޮއްވާލީ ހަނިއްޔާ ގެސްޓްހައުސްއަށް ވަޑައިގެން، ކޮޓަރިއަށް ވަދެވަޑައިގަތުމާއެކުގައެވެ. އެ ބޮން ގޮއްވާލާފައި ވަނީ ގެސްޓްހައުސްއިން ބޭރުން، ރިމޯޓްކޮށް ކަމަށް ވެސް އެ ނޫހުގައިވެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއާއި ހަމާސްއިން މީގެކުރިން ވާހަކަ ދައްކައިފައިވަނީ، ހަނިއްޔާ އަވަރާހަކޮށްލީ އޭނާ ދިރިއުޅުއްވި އިމާރާތަށް އަމާޒުކުރި ރޮކެޓް ހަމަލާއެއްގައި ކަމަށް ދޭހަވާ ގޮތަށެވެ.

ނަމަވެސް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރްޖީސީ)ގެ ހިމާޔަތުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރެއަށް ބޮމެއް އެތެރެކުރިކަން ހާމަވުމަކީ އައިއާރުޖީސީގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ސީއެންއެންއިން ބުނެއެވެ.

ތެހެރާންގައި ހުންނަވަނިކޮށް ޝަހީދުކޮށްލައިފައިވާ ހަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ -- ފޮޓޯ/ އޭޕީ

ހަނިއްޔާ ތެހެރާނަށް ވަޑައިގަތީ ކޮން އިރަކު ކަން ސާފު ނުވި ނަމަވެސް އެ ގައުމުގެ އާ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަނިއްޔާ ތެހެރާނަށް ވަޑައިގަންނަވާނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން މިދިޔަ ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

ހަނިއްޔާ އީރާނުން ފުރަތަމަ ފެނިފައިވަނީ އަންގާރަ ދުވަހު، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރެއްވި ވަގުތެވެ. އޭގެފަހުން އީރާނުގެ މީޑިއާތަކުން ވަނީ ހަނިއްޔާ އީރާނުގެ އާ ރައީސް މަސޫދު ޕެޒެޝްކިއަންއާ ބައްދަލުކުރައްވާ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ. ހަނިއްޔާ ދެން ފެނިވަޑައިގަތީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ އިމާރާތުގައި އޮތް ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި އޭނާ އިށީދެވައިޑައިގެން އިންނެވީ އެންމެ ކުރީ ސަފުގައެވެ.

ހަނިއްޔާ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ ތެހެރާނުގެ މިލާދު ޓަވަރުގައި ބޭއްވި މައުރަޒަކުންނެވެ.

އީރާނާއި ހަމާސްއިން ތުހުމަތު ކުރާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލީ އިސްރާއީލުންނެވެ. އެހެންވެ، އިސްރާއީލަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު އާޔަތުﷲ ދެއްވައިފައިވެއެވެ.

އިސްރާއީލުން އިއްޔެ ވަނީ ހަމާސްގެ އަސްކަރީ ގޮފީގެ އިސްވެރިޔާ މުޙައްމަދު ޟައިފްވެސް ޝަހީދުކޮށްލައިފައިވާ ކަމަށް ބުނެފައެވެ. އޭނާ ޝަހީދުކޮށްލީ މި މަހުގެ 13 ވަނަ ދުވަހު ޣައްޒާގެ ޚާން ޔޫނިސްއަށް ދިން ރޮކެޓް ހަމަލާއެއްގައި ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

ހަނިއްޔާ އަވަހާރަކޮށްލި ކަމަށް އިސްރާއީލުން އެއްބަސްވެފައިނުވާއިރު، އިސްރާއީލުން ތުހުމަތު ދޮގުކޮށްފައިވެސް ނުވެއެވެ.

comment ކޮމެންޓް