"ޓަކާޓަކާ" ގޮވައިގެން ނުކުމެ އާންމު ރައްޔިތުންގެ ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހީލަތްތެރި ރޭވުމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްދު ދެއްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހަގީގީ ހީލަތްތެރި ކަމަކީ ނުބައި މާނައިގައި އޮޅުވާލައިގެން ޔަހޫދީންނަށް ރަސްމާލެއިން ބިން ދިނުން ކަމަށެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ "ޓަކާޓަކާ" ގޮވައިގެން ނުކުމެ ރައްޔިތުންނަށް ލިބެން އޮތް ފުރުސަތުތަކަށް ހުރަސްއެޅުމަކީ ގައުމު އަބަދުވެސް ނިކަމެތިކަމާއި ފަގީރުކަމުގައި ބޭއްވުމަށް ޖަހާ މަޅިއެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭފުޅުންގެ ގެދޮރާއި ބިންތައް މާލެއާއި ސްރީލަންކާގައި ހުރިއިރު، އެ ބޭފުޅުންގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ދިރިއުޅެމުންދާ ހާލަތުގައި، އާންމުންނަށް ލިބެން އޮތް ފުރުސަތުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދެފުށްދެކެހެރި އަމަލެއް ކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫއު ޔަހޫދީންނަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެންމެ ބޮޑަށް ވާގިވެރިވެވަޑައިގަންނަވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ. އަދި އެކަމަކީ ހީލަތްތެރި ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ޔާމީން ވަނީ ގޮވާލައްވާފައެވެ.
އެގޮތުން ރަސްމާލެއިން ބިން ދިނުމާ މެދު ރައްޔިތުންގެ ވޯޓަކަށް ގޮސްފިނަމަ ސަރުކާރަށް ފަސް އިންސައްތަ ވޯޓު ވެސް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސް ނަޝީދު ވިދާޅުވި ދެއްތޯ ރަސްމާލެއަށް ޔަހޫދީން ވަޒަންވެރި ކުރުވުމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ހީލަތްރެރިކަމެކޭ. އެހެން ނަމަވެސް ރައީސް ނަޝީދަށް ދަންނަވާލަން އޮތީ ހީލަތްތެރި ކަމަކީ މިކަމުގައި އޮޅުވާލައިގެން ޔަހޫދީންނަށް ރަސްމޭލެ ބިން ދިނުން. މިއީ ހީލަތްތެރިކަމެއްތޯ ނުވަނަ ނޫންތޯ ބަލާލަން އާންމުންގެ ވޯޓަކަށް ދޭބަލަ، 5 އިންސައްތަ ވެސް ނުލިބޭނެ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި ރަސްމާލެއަށް ގެންނަން އުޅެނީ ޔަހޫދީންނެވެ. އަދި ދިވެހިންގެ ބިމުން ބައެއް އެގޮތަށް ވިއްކާލަން ދިވެހި ސިފައިން ޖާގަދީގެން ނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ވައްދައިގެން އެއާ އެއްކޮޅަށް ވޯޓުދޭ ކޮންމެ މެންބަރަކީ ޚާއިނެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެއިތުރުން ދައުލަތަށް މިފަދަ ބޮޑު ގެއްލުމެއް ދިނުމުގައި ބައިވެރިވާ ފަރާތްތައް ތަހުގީގުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ އިންޒާރު ވެސް ޔާމީން ދެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުޢިއްޒަކީ ގާނޫނީ ހުވައިގެ އަމާނާތް ދެމެހެއްޓޭވަރުގެ ބޭފުޅެއް ނޫންކަން އަމިއްލައަށް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުން އެމަނިކުފާނަށް ދެވަނަ ދައުރެއް ނުދޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.