ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކުން ޑިއުޓީ އިނާޔަތް ކަނޑާލުން ފަސްކުރީ ފަސޭހަކޮށް އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ދުންފަތް އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން އީ ސިނގިރޭޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރޭޓު ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ކަނޑާލުން ނޮވެންބަރު މަހުގެ އެކަކަށް ފަސްކޮށްފައިވާ ކަމަށް ކަސްޓަމްސްއިން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ.
މީގެ ކުރިން ކަސްޓަމްސް އިން ނިންމާފައި ވަނީ، އިއްޔެއިން ފެށިގެން އެ ތަކެއްޗަށް ނަގާ ޑިއުޓީގެ އިނާޔަތް ކަނޑާލާށެވެ.
މިކަމާ ގުޅިގެން ކަސްޓަމްސް އިން 'ސަން'އަށް ބުނީ ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކުން ނަގާ ޑިއުޓިީ ކަނޑާލުން ފަސްކުރީ ރާއްޖޭން ބޭރުން އަންނަ ދަތުރުވެރިންގެ އަތުން އެ ބާވަތްތަކަށް ޑިއުޓީ ނަގަން ޖެހޭ ހާލަތްތަކުގައި މިހާރަށް ވުރެ އަވަހަށް ލުއި ފަސޭހަކޮށް އެކަން ކުރުމަށް ކަމަށެވެ.
އޭގެއިތުރުން ދުންފަތް އެކުލެވޭ ބާވަތްތަކުން ޑިއުޓީ އިނާޔަތް ކަނޑާލުން ފަސްކުރީ، ދަތުރުވެރިން ގިނަ ވަގުތު އެއާޕޯޓުގައި ހޭދަކުރަން ނުޖެހި، އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށާއި ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ޖެހުމާބެހޭ ގާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދަތުރުވެރިން ރާއްޖެ އަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކަށް މިދިޔަ މަހު އެކެއްގައި ވަނީ އަމަލު ކުރަން ފަށާފައެވެ. އެގޮތުން، އެ އުސޫލުގެ ދަށުން ވަނީ އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ރާއްޖޭން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މާފުކުރާ މިންވަރު 10،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފައެވެ.