ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން 10،000 ރުފިޔާއާ ހަމަޔަށް ޑިއުޓީ މާފުކޮށްދީފި

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ރާއްޖޭން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މަޢާފުކުރާ މިންވަރު 10،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ދަތުރުވެރިން ރާއްޖެ އަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފުކުރުމުގެ އުސޫލަށް ގެނެވުނު މި އިސްލާހަށް މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ކުދިކުދި ބޭނުންތަކަށް ރާއްޖެއަށް ގެންނަ ތަކެތީން 10،000 ރުފިޔާއާ ހަމަޔަށް ޑިއުޓީ މަޢާފުކޮށްދީފައިވަނީ ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓު ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

އެ މަނިކުފާނުވަނީ މީގެ ކުރިން 6،000 ރުފިޔާއަށް ހަމަޔަށް ޑިއުޓީ މަޢާފުކޮށްދޭ ގޮތަށް އޮތް އޮތުން 10،000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ.

ކަސްޓަމްސްއިން ބުނީ މި އެލޮވެންސް ލިބިގެންދާނީ ހަމައެކަނި ދަތުރުވެރިންނަށާއި، އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުމަށް ރާއްޖެއަށް ގެންނަ ތަކެއްޗަށް ކަމަށެވެ.

އެމްޕީއެލް ސަރަހައްދުން ކޮންޓޭނަރުން މުދާ ކްލިއާރ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ބަދަލާއެކު ދަތުރުވެރިންނާއި އަމިއްލަ ފަރުދުން ގެންނަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފްއޯބީގެ އަގު 10،000 ރުފިޔާއަށްވުރެ ކުޑަ ނަމަ، ޑިއުޓީއެއް ނުނަގާނެއެވެ.

ނަމަވެސް ކަސްޓަމްސްއިން ކަނޑައަޅާފައިވާ ޖުމްލަ އެފްއޯބީގެ އަގު 10،000 ރުފިޔާއަށްވުރެ ބޮޑޫނަމަ، އެ ތަކެއްޗަށް ގުޑްސް ޑެކްލަރޭޝަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގޮތެއްގެ މަތީން ޑިއުޓީ ދައްކަންޖެހޭނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ މުދަލުގެ އަގު 10،000 ރުފިޔާއަށްވުރެ ކުޑަ ނަމަވެސް، އެ ތަކެތީގެ ބާވަތާއި އަގުގެ އިތުރުން، ގެންނަ ނިސްބަތަށް ބަލައި، އެއީ އަމިއްލަ ކުދިކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ، ނުވަތަ ކޮމާޝަލް ކުއެންޓިޓީއެއް ކަމަށް ބެލެވޭ ހާލަތުގައި އެ ތަކެއްޗަށް ޑިލްކަރޭޝަން ހުށަހަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް ފަރުދުންގެ އަމިއްލަ ބޭނުމަށް ޑޮކްޓަރެއްގެ ބޭސް ސިޓީއަކާއެކު، ގިނަވެގެން ހަ މަސްދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެ ތަކެތީގެ އަގަށް ނިޢާޔަތް ކުރުމެއް ނެތި ދޫކުރާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ، މީގެ ކުރީން ޑިއުޓީގެ އިނާޔަތް ދެމުންދިޔަ ބައެއް ބާވަތްތަކަށް މި އިލސްލާހާއެކު ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ މި އިސްލާހުގެ ދަށުން ޑިއުޓީގެ އިނާޔަތް ކަނޑާލަން ނިންމާފައިވާ ތަކެއްޗަކީ:

  • ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކް ގޮތުގައި ގިންތި ކުރެވޭ ތަކެތި
  • އެނާޖީ ޑްރިންކް
  • މޮޓޯސައިކަލާއި އޮޓޯސައިކަލު
  • އެއްގަމު މަގުން ދުއްވާ ހަތަރު ފޮރުޅުލީ އުޅަނދު
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު
  • އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޕެއާ ޕާޓްްސް

https://www.sun.mv/193773

މީގެ އިތުރުން އަންނަ އޮގަސްޓްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބެނުންކުރާ އާލާތްތަކާއި، އީ ސިނގިރޭޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރޭޓު ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ކަނޑާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ޝިޕްމެންޓުގައި ހިމެނޭ ތަކެއްޗަކީ ޑިއުޓީގެ އިނާޔަތުގެ ބޭނުން ނަމަހަ ގޮތުގައި ހިފައި، އަމިއްލަ ބޭނުން ފިޔަވަައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެ ތަކެތި ބޭނުންކުރާ ފަރާތެއްނަމަ، އެ ގެންނަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

comment ކޮމެންޓް