މިނިވަން ދުވަހުގެ ޕެރޭޑު ބާއްވާތީ، ހުކުރު ދުވަހު ހަވީރު އުޅަނދު ދުއްވުން މަނާ

މިދިޔަ އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑު: މިއަހަރު ވެސް ޕެރޭޑު ބާއްވާތީ، އެ ގަޑީގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

މިދިޔަ ހުކުރު ދުވަހު ބޭއްވުމަށް ތާވަލުކުރުމަށް ފަހު، އަންނަ ހުކުރު ދުވަހަށް ފަސްކުރި މިނިވަން ދުވަހުގެ ޕެރޭޑު އޮންނަ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައިވަނީ، 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އެއް ވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކަށް ބާރު ބޮޑުވާނެތީ، ހަވީރު 16:00އިން 18:00އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ފާހަގަކުރި މިނިވަން ދުވަހުގެ ޕެރޭޑު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

https://sun.mv/194757

މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ފުޅަނދުބުރާއި އެކި ހަރަކާތްކަތްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތް ގޮތުން ތަފާތު މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ޚަރަދު ކުޑަކުރުމަށް ނުވަތަ ނުބޭއްވުމަށް ނިންމަވައިފައެވެ.

comment ކޮމެންޓް