މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ވަނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށް އަންދާޒާކޮށްފައެވެ. މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭ ބުނެފައިވެއެވެ. އަދި، ޚާއްސަކޮށް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުންޏެވެ.
އެހެންވެ، އެންޑީއެމްއޭއިން ވަނީ ކުރިޔާލާ މޫސުމަށް ރައްކާތެރިވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތަކެއް ކިޔައިދީފައެވެ. އެގޮތުން:
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުން
- ފެންބޮޑުވާ ސަރަހައްދު ތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުން
- ފިހާރަ، ރެސްޓޯރަންޓު އަދި ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުން
- ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފާ ގެންގުޅޭ ތަކެތި (ދޮންނަ މެޝިން ފަދަ ތަކެތި) ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުން
- ވައި ގަދަވާނެ ކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ވައި ގަދަވެ، އެއްލާ ލާނެ ފަދަ ތަކެތި ރައްކާތެރިކުރުން
- މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުން
މީގެއިތުރުން، ކަރަންޓު ސާމާނު ބޭނުންނުކުރާނަމަ ނިއްވާލާފައި ބެހެއްޓުމަށާއި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލާ ހަމަޖައްސަން އެންޑީއެމްއޭއިން އެދިފައިވެއެވެ.
އެންޑީއެމްއޭއިން ވަނީ، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މެޓުގެ އެންމެ ފަހުގެ މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެންޑީއެމްއޭގެ އިތުރުން މޫސުމަށް ރައްކާތެރިވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ތައްޔާރުވާން ފަށާފައެވެ.
އެގޮތުން، ޚާއްސަ ކާރިސާ ކޮމިޓީއެއް އުފައްދައި، ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ފެން ވަންނަ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގައި މިރެއިން ފެށިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެ ކައުންސިލުން ވަނީ ކުރަން ފަށާފައެވެ.