މޫސުން ތަން ނުދޭތީ މިނިވަން ދުވަހުގެ ޕެރޭޑް ފަސްކޮށްފި

މީގެ ކުރިން މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން ބޭއްވި ޕެރޭޑެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ "ޝަރަފުގެ ހިނގާލުން" ފަސްކޮށްފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލުކުރި ޝަރަފުގެ ހިނގާލުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ.

ހިނގާލުން ފަސްކުރަން ނިންމީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް މިއަދު ބާއްވާފައެއް ނުވެއެވެ.

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް