މާދަމާއިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، މާލެ ސިޓީ ކައުންސިލުން އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.
އެ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް އަންދާޒާކޮށްފައިވާތީ ޚާއްސަ ކާރިސާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.
ދުރާލާ ދިމާދެވާނެ ގެއްލުމަކުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ފެން ވަންނަ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށް ދާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން މިއަދު ބުނީ، ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑެއް، ހުޅަނގަށްޖެހި، ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެން ކަމުން، މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
ޚާއްސަކޮށް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުންޏެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ބައެއް ގެތަކާއި ފިހާރަތަކަށް ވެސް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ހަތް ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ވަނީ އެ އެންމެން ވެސް މިހާރު އާންމު ހާލަތަށް ރުޖޫއަވެ، އަމިއްލަ ގެތަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ.