ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަން ހުސްވީ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންވެ، އެ މަގާމަށް ހަބީބް އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު އޭނާގެ ނަން ފޮނުއްވީ މި މަހުގެ 15ގައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ހަވާލު ކުރި ހިއުމަން ރައިޓްސް ކޮމިޓީން އިއްޔެ ވަނީ އެ ކޮމިޓީއަށް ހަބީބް ހާޒިރުކޮށް އޭނާއާ އިންޓަވިއުކޮށްފައެވެ.
އެކަމާ ގުޅުވައި ގޮތެއް ނިންމުމަށް މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ، ހަބީބަށް އެވަރެޖުކޮށް 75 އިންސައްތައަށް ވުރެ އިތުރަށް މެންބަރުން މާކްސް ދީފައިވާ ކަމަށެވެ.
އެހެންވެ، ކޮމިޓީގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ހަބީބަކީ އެޗްއާރުސީއެމްގެ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލު ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ.
އީސީގެ މެންބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހަށެވެ.
އޭނާ ވަނީ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ.
އީސީގެ ނައިބު ރައީސްކަމުގައި ހަބީބް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވަނީ ދެ ދައުރެއްގައެވެ. އެހެންވެ، ގާނޫނު ބުނާ ގޮތަށް އޭނާއަށް އިތުރު ދައުރެއް އަދައެއް ނުކުރެއްވެއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ވެސް މިހާރު ހުންނެވީ ދެވަނަ ދައުރެއްގައެވެ. އޭނާގެ ދައުރު ހަމަވާނީ ނޮވެމްބަރު މަހެވެ.