ޕޮލިސް ފުލެޓުތަކުގެ މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފުސީލު ހާމަކުރަން މަޖިލީހުން އެދިއްޖެ

ޕޮލިސް ފްލެޓްތައް: ޕޮލިސް ފުލެޓުތަކުގެ މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހާމަކުރަން މަޖިލީހުން އެދިއްޖެ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، "ބްލޫސް ހައުސިން ޕްރޮޖެކްޓް"ގެ މަސައްކަތްތަކަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން ވެހިކަލްތަކުގެ ތަފުސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އެދިއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް އެޑްރެސްކުރައްވައި މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ވަނީ ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީގައި ވަނީ 2014 ވަނަ އަހަރުން 2017 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ހިއްސާކުރަން އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2014 ވަނަ އަހަރު އެތެރެކުރި ތިން ވެހިކަލަކާއި، 2015 އަދި 2016 ވަނަ އަހަރު އެތެރެކުރި އެއް ވެހިކަލެއްގެ އިތުރުން 2017 ވަނަ އަހަރު އެތެރެކުރި ތިން ވެހިކަލެކެވެ.

މަޖިލީހުން ހާމަކުރަން އެދިފައިވަނީ:

  • އެ އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައިވާ ބޭނުމާއި އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާނަމަ އެ އުޅަނދުތަކުގެ ތަފުސީލު.
  • އެ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއް ފުލުހުންގެ އިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާނަމަ އެ އުޅަނދުތަކުގެ ތަފުސީލު.
  • އެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ކާރަކީ ކޮން ބޭނުމެއްގައި އެތެރެކޮށްފައިވާ ކާރެއްކަމާއި، މިހާރު އެ ކާރު އޮތީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުގައިކަން.
  • އެ އުޅަނދުތަކުގެ ރަޖިސްޓްރީ ކޮޕީތައް.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު -- ފޮޓޯ/ ފުލުހުން

'ބުލޫސް ހައުސިން މަޝްރޫއޫ'ގެ ނަމުގައި ޕޮލްކޯއާ 2013 ވަނަ އަހަރު ހަވާލުކުރި މަޝްރޫއާ ގުޅޭ ރިޕޯޓެއް އޮޑިޓް އޮފީހުން ނެރުނީ މިދިޔަ މަހުގެ 23ގައެވެ.

އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ. އެހެންވެ، އޭރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައިއާއި އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

https://sun.mv/202782

އެ މައްސަލައިގައި ކޯޓު އަމުރަކާ އެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ)ން ދެވަނަ ފަހަރަށް ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް އިއްޔެ ވަނީ ވަދެފައެވެ.

މީގެ ކުރިން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު، ފާހަގަވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އޭސީސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި ކުރިން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ވަނީ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ޕޮލްކޯގެ މަޝްރޫއާ ގުޅުންހުރި ވަރަށް ގިނަ ލިޔެކިޔުންތައް ނެތް ކަމަށް ޕްލޮކޯގެ މެނޭޖުމަންޓުން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއަކުން ދިރާސާކުރަމުން އަންނައިރު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުން މިހާތަނަށް ނުލިބޭ ކަމަށެވެ.

comment ކޮމެންޓް