ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. لا يَزْنِي الزَّانِي حِينَ يَزْنِي وهو مُؤْمِنٌ ... (ބުޚާރީ: 2475) "ޒިނޭކުރާމީހާ، ޒިނޭކުރާހިނދު މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭއެއް ނުކުރާނެއެވެ. ..."
މަތީގައިވާ ޙަދީޘްގައި ބަޔާންކުރައްވާފައި އެވަނީ އެކަން ކުރާމީހާއަށް ޙައްދުގެ ޢުޤޫބާތް ކަނޑައަޅުއްވާފައިވާ ހަރާން ކަމެއްގެ ވާހަކައެވެ. ހުތުރުކަމާއި ނުބައިކަން ބޮޑުވެގެންވާ ޒިނޭގެ ވާހަކައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ (ނޫރު: 2) "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީނަމަ ﷲ ގެ ދީނުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!"
ޒިނޭކުރާމީހާ ޤިޔާމަތް ދުވަހުގައި އެކަމުގެ ޢުޤޫބާތާ ބައްދަލުކުރާނެކަމަށް ﷲ އެންގެވިއެވެ.(ފުރުޤާނު: 68) ހަމަމިއާއެކު، އެމީހަކަށް ޤިޔާމަތް ދުވަހުން އަޒާބު ގިނަގުނަކުރައްވާނެކަމަށާއި އަދި އިހާނެތިކަން ލިބިގެންވާ ހާލު އެ އަޒާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެކަމަށްވެސް އެންގެވިއެވެ.(ފުރުޤާނު: 69) މި ވަރުގަދަ އަޒާބާ ބައްދަލުކުރާން ނޭދޭމީހާއަށް އޮތީ އެއްގޮތަކަށްވެސް އެފަދަ ޢަމަލެއް ނުކޮށް ހުރުމެވެ. ނުވަތަ އެފަދަ ކަމެއް ކުރެވިފައިވާނަމަ ލަސްނުކޮށް އެކަމަށް ތައުބާވެ ޢަމަލުތައް އިސްލާހުކޮށް އެގޮތުގައި ދެމިހުރުމެވެ.(ޒުމަރު: 53)
ޒިނޭ ކުރުން ހަރާން ކުރެއްވި އެއްއާޔަތުގައި، އެ ނުބައި ޢަމަލާ ކައިރިވެސް ނުވުމަށް އަންގަވާފައި އޮތުމުން، ޒިނޭއަށް މަގުފަހިވެދާފަދަ ކަމެއް ކުރުމަކީވެސް ހަރާންކަމެއްކަން އެނގެއެވެ.(އިސްރާ: 32) މީގެ މިސާލަކީ، ހިލޭ ފިރިހެނުންނާއި އަންހެނުން މަސްހުނިވެ އުޅުމެވެ. ނުވަތަ ދެ ޖިންސުގެ ހިލޭ މީހުން އެއްބަޔަކު އަނެއްބަޔަކަށް ލެނބެވޭފަދަ ޢަމަލުތައް ކުރުމެވެ.
ކައިވެނިކުރުމަށްޓަކައި މީހަކު އިޚުތިޔާރުކޮށް ކިތަންމެ ބޮޑަށް ކައިވެންޏަށް ތައްޔާރުވެފައިވިޔަސް، ކައިވެނީގެ ޢަޤުދު ނުކުރާހާހިނދެއްގައި އެއީ ހިލޭ ދެމީހުންނެވެ. ވީމާ ކައިވެންޏަށްފަހު ހުއްދަވާ ކަންތައްތައް، އެހާލަތުގައި އެ ދެމީހުންނަކަށް ހުއްދައެއް ނުވާނެއެވެ. މިސާލަކަށް؛ ދެމީހުން އެކުގައި ނިދުމާއި، އެކަހެރިކޮށް ބައްދަލުކުރުމާއި، ބީހުމާއި، ބޮސްދިނުމާއި، ޖިންސީ ޣަރީޒާ ގެނުވާ ވާހަކަތައް ދެއްކުންފަދަ ކަންތައްތައް ކުރުން ހަރާންވާނެއެވެ. އަދި އެހެންމީހުންގެ ލޯތަކަށް ފިލައިގެން، ފަޅު ގޭގެއާއި ގަސްފާތަކާއި އަނދިރިގަނޑުތަކާއި މީހުންނޫޅޭ ސަރަހައްދުތަކަށް ދިއުންވެސް ހަރާންވާނެއެވެ.
އިސްވެ ބުނި ކަންތައްތަކުގެ އިތުރުން، މި ދިވެހި އިސްލާމީ މުޖުތަމައުގައި ވަރަށް ބޮޑަށް އާއްމުވެފައިވާ ކަންތައްތައްކަމަށްވާ، ހިތާވެގެން އުޅޭ ކުއްޖާއާއެކު (މަޙްރަމަކާނުކައި) ރަށްރަށާއި ރިޒޯޓުތަކާއި ގެސްޓު ހައުސްތަކަށް ދިއުމާއި، ރާއްޖެއިން ބޭރުގެ ތަންތަނަށް ދިއުމާއި، ދެމީހުން އެކަނި ކާރު ނުވަތަ ސައިކަލު ދުއްވަން ދިއުމަކީވެސް ހަރާން ކަންކަމެވެ. އަދި އޮފީސް ނުވަތަ މަސައްކަތު މާހައުލުގައި ނުވަތަ ކެފޭ ރެސްޓޯރަންޓެއްގައިކަމަށްވިޔަސް ދެމީހުން އެކަހެރިވެ އުޅުން އެއްގޮތަކަށްވެސް ހުއްދައެއް ނުވާނެއެވެ. މިފަދަ ކަންކަން ހަރާންވަނީ އޭގެ ސަބަބުން ޒިނޭއަށް އަރައިގަނެވިދާނެކަމަށްޓަކައި، ސައްދުއްޛަރީޢާ (Blocking the Means) ގެ ދަށުންނެވެ. ހިލޭ ފިރިހެނަކާއި އަންހެނަކު އެކަހެރިވެއްޖެނަމަ ވިޔާނުދާ ޢަމަލުތަކުގެތެރެއަށް ދިއުމުގެ ވަރަށް ބޮޑު އިޙްތިމާލެއް (probability) އޮންނަކަން ޝަރުޢީ ދަލީލުތަކާއި ޒަމާނީ ހޯދުންތަކުންވެސް އެނގެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. لَا يَخْلُوَنَّ رَجُلٌ بامْرَأَةٍ إلَّا وَمعهَا ذُو مَحْرَمٍ، وَلَا تُسَافِرِ المَرْأَةُ إلَّا مع ذِي مَحْرَمٍ (ބުޚާރީ: 3006) "ކައިވެނި ހެއުނުވާ މީހަކުނެތި، އަންހެނަކާއެކު ފިރިހެނަކު އެކަހެރިވެ ނޫޅޭށެވެ! އަދި ކައިވެނި ހެއުނުވާ މީހަކު ނެތި (ނުވަތަ އިތުބާރުހުރި ހަރު އަންހެނަކު ނެތި) އެއްވެސް އަންހެނަކު ދަތުރު ނުކުރާށެވެ! އަދި ހަމަ މިއާއެކު، ހިލޭ ފިރިހެނަކާއި އަންހެނަކު އެކަނި އެކަހެރިވެއްޖެނަމަ، ތިންވަނަ ފަރާތަކަށް ޝައިޠާނާ އެމީހުންނާއެކު ހުންނާނެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.(އަޙްމަދު: 1/18)
ދަރީންދެކެ ހަގީގީ ލޯބިވާނަމަ ...
ތިޔަ މަންމައާއި ބައްޕަ ނުހަނު ލޯތްބާއެކު ބަލާ ބޮޑުކުރާ ދަރީން ނުބައިމަގުން ދިޔަނުދީ ހިފަހައްޓާށެވެ! ތަންދޮރު ވަކިވާ އުމުރުން ފަށައިގެން، ކިތަންމެ ބޮޑުވިޔަސް އަބަދުވެސް ދަރީންނަށް ހެޔޮ ނުބައި ބުނެދީ ނަސޭހަތްތެރިވެ ރަނގަޅު ނަމޫނާ ދައްކާށެވެ. ދުނިޔެއާއި މުޖަތަމައަށް އަދި މީހުންގެ އުޅުމާއި އަޚުލާގަށް އަންނަ ބަދަލުތަކާމެދު ދަރީން ހޭލުންތެރި ކުރުވާށެވެ. ޒަމާނުގެ ނޭދެވޭ އޮއިވަރުތަކުން ރައްކާތެރިވެވޭނެ ގޮތްތަކާމެދު އަމިއްލައަށް ހޭވެރިވެ ދަރީންވެސް އެފަދައިން ވުމަށް މަގުފަހިކޮށްދޭށެވެ.
ގާލް ފްރެންޑް - ބޯއި ފްރެންޑް ވެގެން، ހުޅަނގުގެ މުޑުދާރު ޝައިތާނީ އާދަތަކަށް ދަރީން ހެއްލި، އެކުދީން ގެއްލި ހަލާކުވެ ދިޔަނުދޭށެވެ. ލަދެއް ހަޔާތެއްނެތި ޒިނޭއާއި ބަދުއަޚުލާގީ ޢަމަލުތައް ކުރާން ދޫކޮށްނުލާށެވެ. ކައިވެނީގެ ޢަޤުދަށްފަހުގައި މެނުވީ ހުއްދަނުވާ ގުޅުންތައް ހިންގައި، ޢިއްފަތްތެރިކަން ނީލަން ކިޔައި، ބޮޑު ސޭލުގައި ވިއްކައިލަން ފުރުސަތު ނުދޭށެވެ. ހިތާވެގެން އުޅޭ ދެކުދީން، އިނދެގެން އުޅޭ މީހުންފަދައިން އުޅުނަ ނުދޭށެވެ. ކިތަންމެ ބޮޑަށް އާއްމުވެފައިވިޔަސް އެގޮތަށް އެކަންކަން ކުރަން އިސްލާމްދީން ހުއްދަ ނުކުރާކަން ޞަރީޙު ދަލީލުތަކުން އެނގެއެވެ.
ހިތާވެގެން އުޅޭ ދެކުދީން، ތިޔަ މަންމައާއި ބައްޕަގެ ލޯ ކުރިމަތިން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލާއިރު ... ، އޮފީހަށާއި ކޮލެޖަށްދިއުމަށް ނުވަތަ ބުރުޖަހައިލުމަށްޓަކައި ދެކުދީން އެކަނި ސައިކަލަށް ނުވަތަ ކާރަށް އަރައިގެން ނައްޓައިލާއިރު ކޮންމެވެސް އެއްޗެއް ހިތަށް އަރާންވާނެއެވެ. ދުލުން ބަހެއް ބުނެވޭންވާނެއެވެ. ކުޑަނަމަވެސް ޣީރަތްތެރިކަމެއް ހުރިއްޔާ، ސާފުކޮށް އެކަންތައްތައް މަނާކޮށް އޭގެ ނުބައިކަން ބުނެދެވޭންވާނެއެވެ. ދަރީން ކުރާ ނުބައި ކަންތައްތައް ހުއްޓުވަށް ފިޔަވަޅު އެޅުމުގެ ބާރު މައިންބަފައިންނަށް އޮންނާނެއެވެ.
ކޮންމެ މީހަކީވެސް މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވިފައިވާ މީހެއްކަމާއި، އެމީހެއްގެ މަސްއޫލިއްޔަތުތަކާމެދު ޤިޔާމަތް ދުވަހުގައި ސުވާލު ވެވޭނެކަން ދަންނާންޖެހޭނެއެވެ.(متفق عليه) އަދި އަމިއްލަ ނަފުސާއި އެމީހެއްގެ އަހުލުވެރީން ނަރަކައިން ސަލާމަތް ކުރުމަށް އަންގަވާފައި އޮންނަ ބަސްފުޅު ހަނދާނުގައި ބަހައްޓާންޖެހޭނެއެވެ.(ތަޙްރީމު: 6) ވީމާ ތިޔަ މަންމައާއި ބައްޕަގެ ބެލުމުގެ ދަށުގައިވާ ދަރީން، ބަދުއަޚުލާގީ ޢަމަލުތަކުގެތެރެއަށް ޣަރަގުވެ އުޅޭނެގޮތަކަށް އުޅޭން ދޫކޮށްނުލައި، އެކުދީންނަށް ދެދުނިޔޭގެ ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރާށެވެ. ދަރީން ދެކެ ހަގީގީ ލޯބިވާކަމަށްވާނީ އޭރުންނެވެ.