ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައްތައް ނުކުރައްވާނެ ކަމަށާއި އުސޫލުތަކުގައި ހިފަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވައި، އުސޫލުން ބޭރުން ކަންކަން ހިނގާނަމަ އިސްތިއުފާ ދެއްވުމުގެ ހިތްވަރު ވެސް ހުންނަވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރައްވާ އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެއީ، އޭރު ހުންނެވި ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ މަނިކުފާނަށް އެރުވި ލަފަޔާ އެއްގޮތަށް އޭނާ މަގާމުން ވަކިކުރުމަށް ފަހުގައެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރަން ފެނޭތޯ ބަލަން އޭނާއާ އިންޓަވިއޫކޮށްފައެވެ.
ކޮމިޓީގައި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މިނިވަން މުއައްސަސާތަކުގެ ވެރިން އަބަދު ވެސް އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރައްވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި، އިސްތިއުފާ ދޭން ކެރިވަޑައިގަންނަވާނެތޯ ވެސް ސަލީމް ވަނީ މުނައްވަރާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިދިޔަ ޕީޕީއެމްގެ ވެރިކަމުގައި މާލީ ވަޒީރުކަން ވެސް ކުރެއްވި މުނައްވަރު ވިދާޅުވީ، އެމްއެމްއޭގައި ވެސް އެހެން މިނިވަން މުއައްސަސާތަކެކޭ އެއްގޮތަށް ގާނޫނުތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށާއި އަބަދު ވެސް އުސޫލުތަކުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން މިސާލަކަށް ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރަން ކަމަށްވާނަމަ އެ ކަމަކަށް އަޅުގަނޑު ހުރަހެއް ނާޅާނަން،" މުނައްވަރު ވިދާޅުވިއެވެ.
"އެހެންނަމަވެސް ތި ފާހަގަކުރެއްވި ގޮތަށް ދިވެހި ރައްޔިތުންނަށް ވެސް އަދި ގައުމަށް ވެސް ގެއްލުންވާ ކަމެއްނަމަ، އޭގެ މަޝްވަރާ ވެސް އަދި އެ ކަމުގައި ނުރުހުން ވެސް ފާޅުކުރާނަން. އަދި، އިސްތިއުފާ ދޭންޖެހިއްޖެ ނަމަ އިސްތިއުފާ ވެސް ދޭނަން،"
މާލީ ދާއިރާގެ ތަޖުރިބާކާރު އަދި މިހާރު ވެސް މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ހުންނެވި މުނައްވަރު ވިދާޅުވީ، މީގެ ކުރީގައި މިނިވަން މުއައްސަސާތަކުން އަބަދު ވެސް ސަރުކާރާ އެއްކޮޅަށް ކަންތައްތައް ނިންމާ ކަމަށެވެ. އަދި، ހުރިހާ ކަމެއް ނިމުމުން ފަހުން އަރާފައި އެހެން ގޮތަކަށް ވާހަކަދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ޔަގީނުން ވެސް އަބަދު ވެސް ގަބޫލުކުރާ އުސޫލުތަކެއް އެބަހުރި. އެހެންވީމާ އުސޫލުތަކުގައި އަޅުގަނޑު ހިފަހައްޓާނަން،" އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ އެއް އުސޫލަކީ އެމްއެމްއޭއިން ސަރުކާރުން ބޭނުންވާހާ އިރެއްގައި ފައިސާ ނަގަން ނުޖެހޭނެ ކަމަށެވެ. އެކަމަކު، އެކަން ކުރަން ވެސް މަޖުބޫރުވާ ބައެއް ހާލަތްތައް އެބަހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
"ގާނޫނުގެ ތަރަހައިގެ ތެރޭގައި ކަންކަން ކުރަންޖެހޭނީ. އަޅުގަނޑުގެ ހިތްވަރު ހުންނާނެ. އަޅުގަނޑުގެ ޓްރެކްރިކޯޑުން ފެނިގެންދާނީ އެ ގޮތަށް،" މާލިއްޔަތު ކޮމިޓީގައި އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދެމިހުންނާނީ ވެސް އެ ގޮތަށް ކަމުގައި ތި ބޭފުޅުންނަށް ޔަގީންކަން ދެން،"
އިންޓަވިއޫއަށް ފަހުގައި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެވްރެޖްކޮށް މުނައްވަރަށް 70 އަށްވުރެ ގިނަ މާކްސް ލިބުނުކަން ފާހަގަކުރައްވައި އޭނާ މަގާމަށް އައްޔަންކުރަން ލަފާދޭން ފެންނަ ކަމަށް ފާސްކުރަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވީ މެންބަރުންގެ އިއްތިފާގުންނެވެ.