ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފްލެޓާއި ގޯތި ލިބުން ލަސްވާތީ މާލޭގެ ރައްޔިތުން މުޒާހަރާ ކުރަންފަށައިފިއެވެ.
މާލޭ ރަށްވެހިންގެ ޖަމިއްޔާއިން އިސްވެ އޮއްވެ ލޮނުޒިޔާރަތްކޮޅުގައި މިރޭ ބޭއްވި މުޒާހަރާއާ ގުޅޭ ގޮތުން މާލޭ ރަށްވެހިންގެ ޖަމިއްޔާއިން އެކްސްގައި ބުނީ، ފްލެޓާއި ގޯތި ނުލިބި، އަސާސީ ހައްގުތަކުގައި "ވާނުވާ" ޖަހައިފައިވާ ކަމަށެވެ.
"ރައްޔިތުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމުން، ދެން ހަރު އަޑުން ހަޅޭއްލެވުން ނޫން ގޮތެއް ނޯންނާނެއެވެ. އަލިމަގެއް ނުފެނި ލާހޫރެން ޖެހުމުން އަޑު އުފުލުމަކީ އިންސާނީ ހައްގަށް ސަލާމް ޖެއްސުމެވެ. ވެރިންނާއި ވަޒީރުންގެ ޒިންމާދާރުކަން މިއަށްވުރެ ބޮޑުވާން އެބަ ޖެހެއެވެ." އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
އެ މުޒާހަރާގެ ބައިވެރިން އަންނަނީ ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއްކަން ފާހަގަކޮށް، ފްލެޓުތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް ހަވާލުކުރަމުން ދިޔުމަށް ގޮވާލަމުންނެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރާ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައި ނިންމުމަށް ވެސް މުޒާހަރާގައި ގޮވާލިއެވެ.
"އުއްމީދަކީ ރައްޔިތުންގެ އަޑު ސަރުކާރަށް މިވަރުން އިވިގެން ދާނެކަމަށް. ރައްޔިތުންގެ އެދުމަކީ ސަރުކާރުން މިކަމަށް ޓައިމްލައިންއެއް ދެއްވައި ބިން ހިއްކުން އަވަސްކޮށްދެއްވައި، ފްލެޓްތަކާއި ގޯތިތަކުގެ ހައްގުވެރީންނަށް އެ ހައްގު އަދާކޮށް ދިނުން." މުޒާހަރާގެ ބައިވެރިއަކު ބުންނެވެ.
އިހުތިޖާޖުގެ ބައިވެރީން ބުނަމުން އަންނަނީ މި މައްސަލައަށް ހައްލެއް ލިބެންދެން މުޒާހަރާ ކުރަމުން ދާނެ ކަމަށެވެ.
"މިއީ އަސްލު މެސެޖެއް ސަރުކާރަށްދޭ. މިކަން އަވަސް ކުރުމަށް. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހަމަނުޖެހުން ހިންގާކަށެއް ނޫން މިއުޅެނީ. އަޅުގަނޑުމެންގެ ހައްގު އަވަހަށް ހޯދައިދިނުމަށް މި ގޮވާލަނީ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފްލެޓް ތަރައްގީ ކުރަމުން އަންނައިރު، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ.
އެ ތަހުގީގުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމްތަކުގެ ލިސްޓެއް އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ފޮނުވިއެވެ.
އޭގެ ފަހުން ހައުސިން މިނިސްޓްރީން ވަނީ، އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށް ބުނެފައެވެ.
އެހެންވެ، ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ފްލެޓް ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން، ފްލެޓު ލިސްޓު ބާތިލުނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ. އެ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމެނޭހެން ބޭފުޅުން ހާޒިރުކުރުމަށް ޕެޓިޝަން ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.