ޚަރަދު ކުޑަކުރުމަށް މިވަގުތަށް ބައެއް އެމްބަސީތައް ބަންދުކުރެވިދާނެ: އާތިފް ޝަކޫރު

ފޮރިން މިނިސްޓްރީ ހިންގާ ބިލްޑިންގް: އެމްބަސީތަކުގެ ޚަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުން އަންނައިރު، އެމްބަސީތައް މަދުކުރުމަށް ވިސްނަން ޖެހިފައިވާ ކަމަށް އާތިފް ޝަކޫރު ވިދާޅުވި -- ސަން ފޮޓޯ

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޓަކައި، ބޭރު ގައުމުތަކުގައި ހިންގާ ބައެއް އެމްބަސީތައް ވަގުތީ ގޮތުން ބަންދުކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް އިގުތިސާދު ދިރާސާ ކުރައްވާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޓޯކިން އިކޮނޮމީ ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި އާތިފް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި 20 އެމްބަސީއެއް ހިންގުމަށްޓަކައި 334 މިލިއަން ރުފިޔާ ހިމަނައިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ މިހާރު އޮތް ހާލަތުގެ ގޮތުން އެ ހުރިހާ އެމްބަސީއެއް ހިންގަން ޖެހޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ޔޫރަޕް ފަދަ ބައެއް ސަރަހައްދުތަކުގެ ގިނަ ގައުމުތަކުގައި އެމްބަސީތައް ހުންނައިރު އޭގެ ތެރެއިން ނުވަ އެމްބަސީއެއް ބަންދުކޮށް، ބާކީ އެމްބަސީތަކުން 50 ޕަސެންޓު ޚަރަދު ކުޑަކުރި ނަމަވެސް 197 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އާތިފް ވިދާޅުވިއެވެ.

އޭނާ ހިއްސާކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން ނުވަ އެމްބަސީއެއް ބަންދުކުރުމުން 274 މިލިއަން ރުފިޔާ ސަލާމަތްކުރެވެއެވެ. އަދި ބާކީ އެމްބަސީތަކުގެ ޚަރަދުން 50 ޕަސެންޓް ކެނޑުމުން 137 މިލިއަން ސަލާމަތް ކުރެވެއެވެ.

"އެއީ ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކުގެ ހަތް މަހުގެ ހިންގުމުގެ ޚަރަދު، އެހެންވީމަ ސޭވިންސްއަށް އަޅުގަނޑުމެން ސޭވިންސްތަކެއް ހޯދަން ކަރަންޓު އެކްސްޕެންޑިޗާ އެހާ ބޮޑު އިރުގައި ސޭވިންތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރުގައި މިއީ އަޅުގަނޑުމެންނަށް ވިސްނިދާނެ ކަންތައްތަކެއް،" އޭނާ ވިދާޅުވިއެވެ.

އެމްބަސީތަކެއް ބަންދުކުރުމުންނާއި ބަޖެޓު ކުޑަ ކުރުމުން ސަލާމަތް ކުރެވޭނެ ޚަރަދު ---

އެމްބަސީތަކުގެ ތެރެއިން ބަޖެޓުން އެންމެ ގިނައިން ފައިސާ ކަނޑައަޅާފައިވަނީ ލަންކާގައި ހުންނަ އެމްބަސީއަށެވެ. އެއީ 40 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޚަރަދުތައް ހިނގާ އެމްބަސީތަކަކީ:

1. މެލޭޝިއާ އެމްބަސީ - 36 މިލިއަން ރުފިޔާ

2. ތައިލެންޑް އެމްބަސީ - 23 މިލިއަން ރުފިޔާ

3. އދ.ގައި ހުންނަ ޕާމަނަންޓް މިޝަން - 19 މިލިއަން ރުފިޔާ

ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ އެމްބަސީތަކާއި މިޝަންތަކުގެ ބޮޑު މުސާރަ ލިބޭ މަގާމުތަކަށް ސިޔާސީ ބޭނުންތަކުގައި މީހުން އައްޔަންކުރާ ކަމުގެ ޝަކުވާ މި ސަރުކާރާއި ކުރީ ސަރުކާރުގައި ވެސް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް