މެންދުރު ނަމާދަށް ހުސް ވަގުތު ލިބޭ ގޮތަށް އާ މަޖިލީހުގެ ގަވާއިދު ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް: ވިހިވަނަ މަޖިލީހުގެ ގަވާއިދު މިއަދު ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

މެންދުރު ނަމާދު ވަގުތަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލަން ނިންމައި، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު ފާސްކޮށްފިއެވެ.

އާ މަޖިލީހެއް އިންތިޚާބުވުމަށް ފަހުގައި ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެ މަޖިލީސް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި ގަވާއިދެއް އެކުލަވައިލައެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އާންމު ކޮމިޓީންނެވެ. އެއަށް ފަހުގައި ތަޅުމަށް ހުށަހަޅައިގެން އެ ގަވާއިދު ފާސްކުރަނީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ހިނގާ 20ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލައި އާންމު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވަނީ ތަޅުމަށް ހުށަހަޅައިފައެވެ.

މަޖިލީހުގެ ގަވާއިދަށް އާންމު ކޮމިޓީން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ ރ. ގައި ބަޔާންކުރާ ޕާލިމަންޓްރީ ސާވިސްގެ މުވައްޒަފުންގެ ގަވާއިދަކީ މަޖިލީހުގެ އުމުރު ހަމަވި ނަމަވެސް ދެމިއޮންނާނެ ގަވާއިދެއް ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އަދި، ގާނޫނީ ގޮތުން މަޖިލީސް ތަމުސީލުކުރާނީ ކައުންސެލާ ޖެނެރަލް ކަމަށް ގަވާއިދުގައި އޮންނަ މާއްދާ ވެސް ވަނީ ބަންޑާރަނައިބު މަޖިލީސް ތަމުސީލުކުރާ ގޮތަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން، އެންޓި ޑިފެކްޝަން ގާނޫނާ ފުށުއަރާ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ހުރި މާއްދާތައް އުވާލަން ވަނީ ނިންމައިފައެވެ. އަދި، މިހާރު މަޖިލީހުގެ ޖަލްސާގެ ތެރެއިން 12:30 އިން 1:00 އަށް ލިބޭ ހުސް ވަގުތު މެންދުރު ނަމާދު ވަގުތަށް ބުރޫނާރާނެ ގޮތަކަށް ބަދަލުކުރަން ވެސް ވަނީ ކޮމިޓީން ފާސްކޮށްފައެވެ. ކޮމިޓީން ނިންމީ އެ ހުސް ވަގުތު 12:00 އިން 1:00 އާ ދެމެދުގައި ދޭށެވެ.

އެ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ހިލާފުވެއްޖެ ނަމަ އަޅާނެ އާ ފިޔަވަޅުތަކެއް ވެސް ގަވާއިދުގައި ވަނީ ހިމަނާފައެވެ. ސުލޫކީ މިންގަނޑާ ހިލާފުވުން މާނަކޮށްފައިވަނީ ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ އަދި ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ކަމަކާ ހިލާފުވުމެވެ.

ސުލޫކީ މިންގަނޑާ ހިލާފުވާ މެންބަރުން ވަކި އަދަދަކަށް ކޮމިޓީއާއި ޖަލްސާތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑުކުރަން ވެސް ވަނީ ގަވާއިދުގައި ހިމަނައިފައެވެ. އެކަމަކު، ރައީސް ވަކިކުރުން ފަދަ މުހިންމު ކަންކަން އޮންނަ ޖަލްސާތަކުގައި އެ މެންބަރުންނަށް ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، މަޖިލީހުގެ ގަވާއިދު އެކުލަވައިލައި އާންމު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވެސް މިއަދު ތަޅުމުގައި ވަނީ އިސްލާހެއް ހުށަހަޅައިފައެވެ.

ވެލިދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް ވަނީ ކުއްލި މައްސަލައަށް ބަސްހުކުރާއިރު ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ފުރުސަތެއް އަރުވަން ހުށަހަޅުއްވައިފައެވެ. އޭނާ ވިދާޅުވީ، އެ ގޮތަށް އިސްލާހުކުރަނީ ތިން މިނެޓަކީ ކުއްލި މައްސަލައަށް ބަހުސްކުރަން އެކަށިގެންވާ ވަގުތެއް ކަމަށް ނުފެންނާތީ ކަމަށެވެ.

އެ އިސްލާހަށް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވަނީ ތާއީދުކުރައްވައިފައެވެ.

އައްބާސް ހުށަހަޅެއްވި އިސްލާހު ހިމަނަން މިއަދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 63 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ގޮތަށް ވިހިވަނަ މަޖިލީހުގެ ގަވާއިދު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 64 މެންބަރުންގެ އިއްތިފާގުން އެ ގަވާއިދު ވެސް ވަނީ ފާސްކޮށްފައެވެ.

އާ މަޖިލީހުގެ ގަވާއިދު އެކުލަވައިލެވެންދެން ވިހިވަނަ މަޖިލީހުން އަމަލުކުރަމުން އައި މިދިޔަ 19 ވަނަ މަޖިލީހުގައި އަމަލުކުރަމުން އައި ގަވާއިދަށެވެ.

comment ކޮމެންޓް