އިންޑިއާގެ އާ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން: އިންޑިއާގެ އާ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީ ވަނީ ކުޑަކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން 2024- 2025އަށް ލަފާކުރާ ބަޖެޓު ކަނޑައެޅިއިރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން މީގެ ކުރިން ކަނޑައެޅި އަދަދު ކުޑަކޮށްފިއެވެ.

މީގެ ކުރިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް ނުވަތަ އެއް ބިލިއަން ރުުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނަން ހުށަހެޅިއެވެ.

ނަމަވެސް ބަޖެޓު ކަނޑައެޅިއިރު އެ އަދަދު 400 ކްރޯޑް ރުފީސް ނުވަތަ 732 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ 'އިންޑިއާ ޓުޑޭ' އިން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ އަހަރު އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދީފައި ވަނީ 770 ކްރޯޑް ރުޕީސްއެވެ. އެއީ 1.4 ބިލިއަން ރުފިޔާއެވެ.

އިންޑިއާގެ މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އެހީއެއް ލިބޭ ގައުމަކީ ބޫޓާނެވެ. އެއީ 2،068 ކްރޯޑް ރުޕީސްއެވެ.

އިންޑިއާއިން ރާއްޖެއަށްދޭ އެހީ ކުޑަކޮށްފައިވަނީ، 'ޕްރޯ ޗައިނާ' ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ދެ ގައުމުގެ ގުޅުން ހީނަރުވި ފަހުންނެވެ.

މި ސަރުކާރުން އިންޑިއާއާ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އެގައުމަށް ވަޑައިގެންފައެވެ.

އޭގެ ކުރިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް އިންޑިއާއަށް ދަތުރެއް ކުރެއްވިއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ގޯސްވީ، މި ސަރުކާރުގެ ތިން ސްޓޭޓް މިނިސްޓަރަކު މޯދީއަށް ކުޑައިމީސްކުރައްވާ ވާހަކަދެއްކުމުގެ ސަބަބުންނެވެ. އެ މައްސަލާގައި އެ ތިން ސްޓޭޓް މިނިސްޓަރުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގައެވެ.

comment ކޮމެންޓް