އިންޑިއާގެ އިމިއުނޯގްލޮބިއުލިން އައިވީ ބެޗެއްގައި މައްސަލަތަކެއް؛ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެމްއެފްޑީއޭއިން ސަމާލުވާން އިލްތިމާސްކުރީ އައިކޯ ބަޔޮލޮޖިލްސްގެ ނޯމަލް އިމިއުނޯގްލޮބިއުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ 5އަށް --

އިންޑިއާގައި އުފައްދާފައިވާ ނޯމަލް އިމިއުނޯގްލޮބިއުލިން އައިވީ ބެޗެއްގައި މައްސަލަތަކެއް ހުރުމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ވަނީ، މައްސަލަ ފާހަގަވެފައި ވަނީ އިންޑިއާގެ އައިކޯ ބަޔޮލޮޖިކްސް ލިމިޓެޑްއިން އުފައްދާފައިވާ، ނޯމަލް އިމިއުނޯގްލޮބިއުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ ފަސް ޕަސެންޓްގައި ކަމަށެވެ. އެއީ އެ ބޭހުގެ ބެޗު ނަމްބަރު، IG24002AD އާއި IG24001ADއާއި IG24004AD އާއި IG24003ގައެވެ.

އެ މައްސަލަ ލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާއާއި ނެޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކޮށްފައިވާ ބޭހުގެ ލިސްޓުގައި އެ ކުންފުނީގެ އެއްވެސް ބޭހެއް ނުހިމެނޭ ކަމަށެވެ. އަދި އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންވެފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެހެން ނަމަވެސް އިންޑިއާއާއި ލަންކާއަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމުތަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުތަކުން ބޭސް އިމްޕޯޓް ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ހޮޓްލައިން ނަމްބަރު 7200321އިން ލިބޭނެއެވެ.

ހިއުމަން ނޯމަލް އިމިއުނޯގްލޮބިއުލިންއަކީ އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަށިގަނޑަށް ބޭނުންވާ އެންޑިބޮޑީތައް ލިއްބައިދޭ ބޭހެކެވެ.

comment ކޮމެންޓް