އިންޑިއާ އެއާލައިންތަކަށް އިންޒާރުދޭތީ ސޯޝަލް މީޑިއާއަށް އިންޒާރެއް

އެއާ އިންޑިއާ އެކްސްޕްރެސްގެ ބޯޓެއް. އިންޑިއާގެ އެއާލައިންތަކަށް އިންޒާރުދޭތީ، އެ ގައުމުން ސަރުކާރުން ވަނީ ސޯޝަލް މީޑިއާއަށް އިންޒާރު ދީފައި. ފޮޓޯ/ޖެޓީ އިމޭޖަސް

އިންޑިއާގެ އެއާލައިންތަކަށް މި މަހު ދިން އެތައް ސަތޭކަ ހަގީގަތެއްނެތް ބޮމުގެ އިންޒާރުތަކެއްގެ ސަބަބުން ދަތުރުފަތުރުގެ ހަލަބޮލިކަމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ބިރުވެރިކަން އުފެދުމާ ގުޅިގެން އިންޑިއާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް އިންޒާރު ދީފިއެވެ.

އިންޑިއާ ސަރުކާރުން ބުނީ ބޮމެއް އޮތް ކަމަށް ބުނެ އެއާލައިންތަކަށް ދޭ އިންޒާރުތައް ނުރައްކާ ދަރަޖައަށް އިތުރުވެފައިވާ ކަމަށާއި، އެފަދަ އިންޒާރުތަކަކީ ދޮގު މައުލޫމާތު ކަމަށެވެ. އަދި އެއީ ދޮގެއްކަން އެނގުމުން އަވަހަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އެ ޚަބަރު ނެގުމަކީ ޕްލެޓްފޯމުތަކުގެ ޒިންމާއެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އަދި އެގޮތަށް އެ ޒިންމާ އަދާނުކުރާނަމަ، ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

"އެއާލައިންތަކަށް ބޮމުގެ އިންޒާރު ދިނުމަކީ އާންމު އަމާން ކަމަށާއި، ގައުމީ ސަލާމަތަށް ލިބިދާނެ ނުރައްކަލެއް," އިންޑިއާ ސަރުކާރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސަރުކާރުން ބުނީ އެފަދަ އިންޒާރުތައް ދޭ މީހުން ދެނެގަނެ، ކުށަށް ދިގު މުއްދަތަކަށް ހުކުމް ކުރެވޭނެ ގޮތަށް އޭވިއޭޝަން އަދި އެއާކްރާފްޓް ސެކިއުރިޓީ ގާނޫނުތައް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓިއައި) ނޫސް އޭޖެންސީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހުގެ މެދުތެރެއިން ފެށިގެން ގާތްގަނޑަކަށް 275 ބޮމުގެ އިންޒާރު ދީފައިވެއެވެ. އެ ހުރިހާ އިންޒާރުތަކަކީ ދޮގު އިންޒާރުތަކެވެ. އިންޑިއާގެ އެހެން މީޑިއާތަކުން ބުނާ ގޮތުގައި އެ ފަދަ އިންޒާރުތަކުގެ އަދަދު ގާތްގަނޑަކަށް 400 އަށް ވުރެ އިތުރުވާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާ އަކީ ސޯޝަލް މީޑިއާ ކޮންޓެންޓް ނައްތާލުމަށް އެދޭ ގައުމުތަކުގެ އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.

comment ކޮމެންޓް