''ނިވި ދިއްލޭ ބޮތްކެއް ހެން'' އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: އައްޑޫ ސިޓީން ކަރަންޓު ކެނޑޭތީ ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފި -- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުގެ ތަޅުމުން ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 57 މެންބަރުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ މައްސަލައިގައި ބުނެފައިވަނީ، އައްޑޫ ސިޓީގައި "ނިވިދިއްލޭ ބޮތްކެއް" ފަދައިން ކަރަންޓު ކެނޑެމުންދާތީ އެކަމުގެ އުނދަގޫތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. އެ ގޮތުން، މުއައްސަސާތަކާއި އޮފީސްތަކުގެ އިތުރުން އެހެނިހެން އިދާރާތަކުން ވެސް ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/194653

އެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން މާ ބޮޑު މަސައްކަތެއް ކުރާތަން ނުފެންނަކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެ ކުއްލި މައްސަލައަށް ބަހުސްކުރައްވާ މެންބަރު ނާޒިލް ވިދާޅުވީ، ގާތްގަނޑަކަށް 30،000 އެއްހައި ރައްޔިތުން ވޭތުވެދިޔަ ތިން ވަރަކަށް ދުވަހު ތިބީ ކަނު އަނދިރީގައި ކަމަށެވެ. މި ސަރުކާރަށް ހަތް މަސް ދުވަސްވެގެން ދިޔައިރު އެންމެ ކުޑަމިނުން އެކަން ހައްލުކުރަން އިސްކޫރެއްހާ ހިސާބު ވެސް ފޮނުވާފައިނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނާޒިލް ވަނީ މީގެ ހަ ދުވަސް ކުރިން މ. މުލިން ކަރަންޓު ކެނޑުނު މައްސަލަ ވެސް ފާހަގަކުރައްވާފައެވެ. އަދި، އެއީ އައްޑޫ ސިޓީއަށް އެކަނި ދިމާވާ ހާލަތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް ލިބޭ ހުތުރު ނަމެއް މިއީ، ސްކޫލްތަކަށް ނުފޮނުވާ ބަންދު އެބަކުރޭ، ރޭގަނޑު ވެސް ހޭލާ އުޅެން އެބަޖެހޭ. ކަރަންޓު ކެނޑިއްޖިއްޔާ ފެނެއް ވެސް ނުލިބޭ،ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

އެ ބިލަށް ބަހުސްކުރައްވާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، އެއީ ޕީއެންސީން ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި، އެކަން ހައްލުކުރުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވަނީ މި ކުއްލި މައްސަލައަށް ބަހުސްކުރަން ބޭނުންވާ ހުރިހާ މެންބަރުންނަށް ބަހުސްކުރަން ފުރުސަތު ދޭން ހުށަހަޅުއްވާފައެވެ.

މެމްބަރު އަޒާން މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ހުށަހެޅުމަށް ތާއީދުކުރައްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، މިއީ އިއްޔެއަކު މިއަދަކު އޮތް މައްސަލައެއް ނޫން ކަމަށެވެ. އެއީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރުން ފެށިގެން ދިމާވަމުންދާ މައްސަލައެއް ކަމަށް އަޒާން ވިދާޅުވިއެވެ.

މަގު ހަދަމުން ދަނިކޮށް ކޭބަލަކަށް ދިމާވި މައްސަލައެއްގެ ސަބަބުން، އެއީ އިންޖީނުތަކަށް ދިމާވި މައްސަލައެއް ނޫން މި ދެތިން ދުވަހު ކޮންމެހެނެއް. މިފަދަ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަދެއްކުމަކީ ވަރަށް ދެރަ ކަމެއް. ރައްޔިތުން އުޅެނީ ވަރަށް ހާލުގަ އެހެން ނަމަވެސް އެދެވޭ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް މުއިއްޒު ވެސް ވަނީ ވިދާޅުވެފައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން

ކޭބަލަކަށް މައްސަލައެއް ދިމާވެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އިއްޔެ ވެސް ވަނީ ކަރަަންޓު ކެނޑެން ފަށައިފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު އިއްޔެ "ސަން"އަށް ވިދާޅުވީ، އިންޖީނުތަކަށް ނުހިފެހެއްޓިގެން، ގަޑިއަކުން ގަޑިއަކުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޙިދުމަތް ކެނޑޭ ކަމަށެވެ.

comment ކޮމެންޓް