ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް ފަސް ލައްކައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ. މިއީ ކޮންމެ 5،300 ރައްޔިތަކަށް މެންބަރެއްގެ ނިސްބަތެވެ. އަވަށްޓެރި ސްރީލަންކާގެ 22 މިލިއަން މީހުންގެ އާބާދީއަށް 225 މެންބަރުން ތިބޭއިރު، އެ ނިސްބަތުން ބަލާނަމަ ރާއްޖެއަށް ބޭނުންވާނީ ފަސް މެންބަރުންނަށްވުރެ ވެސް މަދު އަދަދެކެވެ. އެހެންނަމަވެސް، ދިވެހި ދައުލަތުން އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ މަޖިލީހަށް ހޭދަކުރެއެވެ.
މި ބޮޑު ހޭދައާ އެކުވެސް މަޖިލީހުގެ އުފެއްދުންތެރިކަން ދަށްވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ސަން އޮންލައިންގެ މި ހަފުތާގެ "އެޑިޓަރުންގެ ވަށްމޭޒު" ޕްރޮގްރާމްގައި މި މައްސަލައަށް ވަނީ ފުޅާކޮށް އަލިއަޅުވާލައިފައެވެ. މި ޕްރޮގްރާމްގައި ފާހަގަކުރި ގޮތުގައި، މަޖިލީހުގެ އުފެއްދުންތެރިކަން ދަށްވާ މައިގަނޑު އެއް ސަބަބަކީ މެންބަރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ ހަރުދަނާ މިންގަނޑެއް ނެތުމެވެ. ރަނގަޅަށް މަސައްކަތް ނުކުރި ނަމަވެސް އަދި ބިލްތައް ނުކިޔައި ވޯޓު ދިނަސް މެންބަރުންނަށް ފިޔަވަޅެއް ނޭޅެއެވެ. އެއްވެސް ގާނޫނެއް ފާސްނުކުރިޔަސް ބޮޑު މުސާރައާއި އިނާޔަތްތައް އުނިކަމެއް ނެތި ލިބެމުންދެއެވެ.
މީގެ އިތުރުން، ގައުމީ މަސްލަހަތަށްވުރެ ސިޔާސީ ޕާޓީއަށް އިސްކަންދިނުމާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި މަޖިލިސް "ރަބަރު ސްޓޭމްޕަކަށް" ވެފައިވުން ވެސް ވަނީ ފާހަގަކޮށްފައެވެ. އަމިއްލަ މަސްލަހަތު ފުށުއަރާ ކޮމިޓީތަކުގައި މެންބަރުން ތިބުމާއި، މާލީ ބަޔާންތައް ސިއްރުވެފައި އޮތުމަކީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމެވެ.
މިކަންކަން ހައްލުކުރުމަށްޓަކައި އަމަލީ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް އެ ޕްރޮގްރާމްގައި ބައިވެރިވި އެޑިޓަރުން ފާހަގަކުރިއެވެ.
ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި، މެންބަރުންގެ އަދަދު 40 ނުވަތަ 50 އަށް ލިމިޓްކުރުމާއި، މާލީ ބަޔާންތައް މިނިވަންކަމާއެކު އޮޑިޓްކުރުން ހިމެނެއެވެ. އަދި މެންބަރަކު މަސައްކަތް ނުކުރާނަމަ ނުވަތަ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭނަމަ، ދާއިރާގެ ރައްޔިތުންނަށް އެ މެންބަރަކު ވަކިކުރެވޭނެ "ރީކޯލް ވޯޓު" ގެ ނިޒާމެއް ތަޢާރަފުކުރުމަކީ ވެސް 200 މިލިއަން ރުފިޔާގެ ބަޖެޓެއް ހޭދަކުރާ މުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.