ކޭބަލްއަކަށް މައްސަލައެއް ދިމާވެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އެޗްވީ ކޭބަލްއަށް މައްސަލަ ދިމާވެ،އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ--- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

ކޭބަލަކަށް މައްސަލައެއް ދިމާވެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު އަނެއްކާ ވެސް ކަރަަންޓު ކެނޑެން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، ހިތަދޫގެ ހަތަރު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ވެސް ކަރަންޓު ނެތް ކަމަށެވެ.

ސައީދު ވިދާޅުވީ، އިންޖީނުތަކަށް ނުހިފެހެއްޓިގެން، ގަޑިއަކުން ގަޑިއަކުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޙިދުމަތް ކެނޑޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ރަށުގެ ފެނަކަ ޓީމުން މިރެއަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނީ، އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން ސ. ހިތަދޫއާއި ގުޅިފައިވާ ރަށްތަކުން ރޭ 10:28 ގައި ކުއްލިގޮތަކަށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ, ޖަނަރޭޓަރުތައް އަލުން ހިންގައި، ހިތަދޫގެ ބައެއް ސަރަހައްދު ފިޔަވައި، ގުޅިފައިވާ ރަށްތަކުގައި ކަރަންޓް އިޔާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. އަދި، ލޯޑު ނުދެވި ހުރި ސަރަހައްދުތަކަށް ލޯޑު ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެެވެ.

comment ކޮމެންޓް