މި ސަރުކާރުން ވުޒާރާތަކަށް ގެނައި ބަދަލުތައް ހަތް މަސް ފަހުން ފާސްކޮށްފި

ވިހިވަނަ މަޖިލިސް: -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ވުޒާރާތަކާ އެ ވުޒާރާތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތައް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނިމިދިޔަ ސަރުކާރުގައި 18 މިނިސްޓްރީ އޮތެވެ. ނަމަވެސް މި ސަރުކާރުން ވަނީ 22 މިނިސްޓްރީއެއް އެކުލަވައިލާ، އޭގެ ތެރެއިން ބައެއް މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ބަދަލު ގެނެސްފައެވެ.

ގާނޫނުގައި ބުނާ ގޮތުން ނަމަ ވުޒާރާތަކަށް ގެންނަ ބަދަލުތައް މަޖިލީހުން ފާސްކުރަން ޖެހެއެވެ.

ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކާއި ކުރިން ވެސް ހުރި ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކަށް އައި ބަދަލުތައް ފާސްކުރުމަށް މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަސްތެރެއެވެ.

އެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރުމަށް ފަހު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ރިޕޯޓު ހުށަހަޅާފައެވެ.

އެއާއެކު މިއަދުގެ ވޯޓުގެ ގަޑީގައި ސަރުކާރުގެ މެންބަރުންގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ 71 މެންބަރުންގެ ވޯޓާއެކު ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް ވަނީ ފާސްކޮށްފައެވެ. އެ ވޯޓުގައި އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި މީގެ ކުރިން އެއް މިނިސްޓްރީއެއްގެ ގޮތުގައި އޮތް ބައެއް މިނިސްޓްރީތައް ވަނީ ދެ މިނިސްޓްރީއަކަށް ބަދަލުކޮށް މަސްއޫލިއްޔަތުތައް ފުޅާކޮށްފައެވެ. އެގޮތުން ވަކިކުރި މިނިސްޓްރީތަކަކީ:

  • ޔޫތު މިނިސްޓްރީ
  • ސްޕޯޓްސް މިނިސްޓްރީ
  • ފިޝަރީޒް މިނިސްޓްރީ
  • އެގްރިކަލްޗާ މިނިސްޓްރީ
  • ޕްލޭނިން މިނިސްޓްރީ
  • އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރައީސް މުއިއްޒު ހުވާކުރައްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 17ގައެވެ.

comment ކޮމެންޓް