އައްބާސްގެ އިންޒާރެއް: ޒިންމާއަދާ ނުކުރާނަމަ ގަވަރުނަރު ވަކިކުރި ގޮތަށް ޕީޖީ ވެސް ވަކިކުރާނަން

ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސް: އޭނާ ވިދާޅުވީ ޒިންމާއަދާ ނުކުރާނަމަ ގަވަރުނަރު ވަކިކުރި ގޮތަށް ޕީޖީ ވެސް ވަކިކުރާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ޒިންމާ އަދާ ނުކުރައްވާނަމަ، މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އިއްޔެ މަގާމުން ވަކިކުރި ގޮތަށް، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަކިކުރައްވާނެ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިންޒާރެއް ދެއްވައިފިއެވެ.

އެމްޑީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް މިފަދައިން އިންޒާރު ދެއްވާފައި ވަނީ މިއަދުގެ ޖަލްސާގައި ކަފާލާތުގެ ބިލަށް ބަހުސްކުރައްވައެވެ.

އައްބާސް ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލަކީ، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ޕީޖީއެއް ނޫން ކަމަށާއި އެއީ ޕީޖީގެ އަރިސް ބޭބޭފުޅުންގެ ޕީޖީއެއް ވެސް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ޕީޖީއެއް ކަމަށް އައްބާސް ވިދާޅުވިއެވެ.

އެބޭފުޅާ [ޕްރޮސިކިއުޓާ ޖެނެރަލް] ވެސް އެބަ ޖެހޭ އެ ބޭފުޅާގެ ގާނޫނީ ޒިންމާ އަދާކުރަން. އަދާނުކުރެއްވެންޏާ މިހާރުން މިހާރަށް އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަންނަވަންވީ. އެހެންނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން މި މަޖިލީހުން ބޭރުކުރާނަން އިއްޒަތްތެރި ރައީސް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

އައްބާސް ވިދާޅުވީ، ވާނުވާ ބަންދުގައި މީހުން ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން "ކޯޓު ރޫމްތަކުގަ ޖާގައެއް ނެތޭ" ބުނާ ބުނުން އެއީ ބަހަނާއެއް ނޫން ކަމަށް އައްބާސް ވިދާޅުވިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ކަނޑައެޅިގެން ހެއްކާއި ގަރީނާ ފެންނަން ހުރި ކަންކަން ވެސް ދޫވެގެން ދާކަމަށް ވިދާޅުވެ، އައްބާސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އައްބާސް ވިދާޅުވީ ވާނުވާ ބަންދުގައި މީހުން ތިބުން ހައްލު ކުރުން އެެއީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލަށް އޮންނަ ބާރުގެ ބޭނުން ކުރައްވައިގެން ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި މައްސަލަތަކުގައި ތަހުގީގީ މަރުހަލާތަކުގައި މުއްސަނދިންނާއި ނިކަމެތިން އެއްހަމައެއްގައި މައްސަލަތައް ބަލަންޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކަފާލާތުގެ ދަށުން މިނިވަންކުރެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން އެކަނި ކަމަށް ހައިކޯޓުން މީގެ ކުރިން ބުނެފައިވެއެވެ.

ކުށް ނުކުރާ މީހުން ވެސް ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި އެތައް އަހަރެއް ތިބެން ޖެހޭ ޖެހުމާ ގުޅިގެން މެންބަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެފަދަ ފަރާތްތަކަށް އަދުލު އިންސާފު ދިނުން އަވަސް ކުރުމަށް ގިނަ މެންބަރުން ވަނީ ގޮވާލާފައެވެ.

މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ، ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނީ އިއްޔެއެވެ.

އެއާ އެކު ހާޝިމް މަގާމުން ވަކިކޮށް، ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު އެ މަގާމަށް އައްޔަނުކުރުމަށް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ނަން ފޮނުއްވާފައެވެ.

comment ކޮމެންޓް