ޖިނާއީ ހުކުމްތައް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުން އަންނަ ކުށްވެރިން ވެސް އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން މިނިވަންކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ އިސްލާހަކީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުޞްނީ މުބާރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހެކެވެ.
މިމަހުގެ ނުވައެއްގައި އެ ބިލު މަޖިލީހުން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
އިސްލާހުގައި ވާގޮތުން، މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފުކޮށްފި ނަމަ، އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާ ބަންދުން ދޫކުރެވިދާނެއެވެ. އެ ގޮތަށް މިނިވަންކުރެވޭނީ:
- އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާވާ މައްސަލައަކަށްވުން
- ކަފާލާތުގެ ޝަރުތުތަކަށް އަމަލުކުރުން
- އިތުރަށް ބަންދުގައި ބަހައްޓައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތުން
އަދި، ދަށު ކޯޓުން ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ ދަށުން ދޫކުރެވޭނެ ގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ. ނަމަވެސް، އެ ގޮތަސް މީހުން ދޫކުރެވޭނީ އެއީ އިންސާފު ގާއިމުކުރަން މުހިންމު ކަމެއް ކަމަށް ސާބިތުކޮށްދިނުމުން ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފައެވެ.
އެކަމަކު، އެ ގޮތަށް ދޫކުރާއިރު، ފުރުން މަނާކުރުމާއި، އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި މައްސަލައިގައި ހިމެނޭ މީހުންނާ މުއާމަލާތްނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ކަފާލާތުގެ ބިލުގައި ފާހަގަކުރެވޭ ބައެއް ކަންކަން:
- ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުން
- ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރަން އެންގުމާ ގުޅޭ އިޖުރާއަތުތަކެއް ހިމަނާފައިވޭ
- ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތުތަކެއް ވެސް ހިމަނާފައިވޭ
މިހާރު ގާނޫނު އޮތް ގޮތުން ކަފާލާތުގެ ދަށުން މިނިވަންކުރެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން އެކަނި ކަމަށް ހައިކޯޓުން މީގެ ކުރިން ބުނެފައިވެއެވެ.
ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ ގުޅިގެން މިހާރު ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ވަނީ ފަށައިފައެވެ.