ޖަލުގައި ބަންދުކޮށްފައިހުރި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި)ގެ މައި އޮފީސް އެ ގައުމުގެ ފުލުހުން ފާސްކޮށްފިއެވެ.
ޕާޓީގެ މައި އޮފީހަށް ފުލުހުން ވަދެފައިވަނީ ޕާކިސްތާނުގައި ޕީޓީއައި ހިންގުން މަނާކުރަން، އަސްކަރިއްޔާގެ ތާއީދު އޮންނަ ސަރުކާރުން ނިންމައިފައި އޮއްވައެވެ.
އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޮފީސް ބަންދުކޮށް އެތަނުގެ ބައެއް މުވައްޒަފުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރޭގައި ޕާޓީގެ ޗެއާމަން ގޯހަރް ޢަލީ ޚާންއާއި ޕްރެސް ޑިމާޓްމަންޓުގެ ވެރިޔާ ރައޫފް ހަސަންވެސް ހިމެނޭ ކަމަށް މީޑިތާކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ ގޯހަރް ހައްޔަރު ނުކުރާ ކަމަށެވެ.
ޕީޓީއައި ހިންގުން މަނާކުރަން ނިންމައިފައިވާކަން ޕާކިސްތާނުން އިއުލާނުކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންނާއި އާބާދީގައި މަދު ދީންތަކާއި ސަގާފަތްތަކުގެ މީހުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކުން ގޮނޑިތަކެއް، ޕީޓީއައިއަށް ވެސް ހައްގުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމިތާ ދުވަސްކޮޅެއް ފަހުންނެވެ.
އިމްރާން ޖަލަށްލިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، އިމްރާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައެޅި މައްސަލައިގައި ސާބިތުވި ދައުވާތައް އިސްލާމް އާބާދު ކޯޓުން މި މަހު ވަނީ ބާތިލުކޮށްފައެވެ. އަދި ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ޕީޓިއައިއަށް ވަނީ އިތުރު 23 ގޮނޑި ލިބިފައެވެ.
މި ދެ މައްސަލައިން ވެސް، އަސްކަރިއްޔާގެ ތާއީދާއެކު ފެބްރުއަރީ މަހު ވެރިކަމަށް ވަޑައިގެންނެވި ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ކޯލިޝަން ސަރުކާރަށް ގެއްލުންވެފައިވާ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ، ޕީޓީއައި ހިންގުން މަނާކުރަން ކުރާ މަސައްކަތަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިމްރާނަށް ޕާކިސްތާނުގެ ވެރިކަން ގެއްލުނީ 2022 ވަނަ އަހަރު އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސް ކުރުމާ ގުޅިގެންނެވެ. އެ ކަމުގެ ފަހަތުގައި އޮތީ ޕާކިސްތާނުގެ ނުފޫޒު ގަދަ އަސްކަރިއްޔާ ކަމަށް އޭނާ ތުހުމަތު ކުރެއްވި ނަމަވެސް، އަސްކަރިއްޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ.
އިމްރާން މަގާމުން ދުރުކުރި ފަހުން ކޮރަޕްޝަންގެ ގިނަ ދައުވާތަކެއްކޮށް، ބައެއް ދައުވާތައް ވަނީ ސާބިތުވެފައެވެ. އޭގެ ތެރެއިން ދެ މައްސަލައެއްގައި ކުރި ޖަލު ހުކުމް ފަހުން ބާތިލުކުރި ނަމަވެސް، އިމްރާން އަދިވެސް ޖަލު ބަންދުގައި ހުންނެވީ މިދިޔަ އަހަރު އޭނާ ހައްޔަރުކުރުމަށް މަސައްކަތްކުރުމުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން ކޮށްފައިވާ ދައުވާތަކާ ގުޅިގެންނެވެ.