ޕާކިސްތާނުގެ ހަމަލާއެއްގައި އަފްޣާނިސްތާނުގެ 46 މީހުން މަރުވެއްޖެ

ޕާކިސްތާނުން ދިން ހަމަލާއެއްގައި އަގްޣާނިސްތާނުގެ 46 މީހުން ވަނީ މަރުވެފައި. ފޮޓޯ/އީޕީއޭ

އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކުގައި 46 މީހުން މަރުވެއްޖެއެވެ.

މި ހާދިސާގއި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ތާލިބާން ސަރުކާރުން ބުނެއެވެ.

ތާލިބާން ސަރުކާރުގެ ޑެޕިއުޓީ ތަރުޖަމާނު ހަމްދުالله ފިތުރާތު ވިދާޅުވީ، ޕާކިސްތާނާ ބޯޑަރު އޮންނަ ޕަކްޓިކާ ޕްރޮވިންސްގައި ވެސް ހަ މީހަކު ޒަޚަމުވެފައިވާ ކަމަށެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދި ފަހުން ދެ ގައުމުގެ ބޯޑަރުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު މިއީ އެ ސަރަހައްދުގައި މި ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

ހަމަލާއާ ގުޅޭ ގޮތުން ޕާކިސްތާނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، ބުދަ ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ އިރުމަތީ ޕަކްޓިކާ ޕްރޮވިންސްގައި އޮންނަ ޑިސްޓްރިކްޓެއް ކަމަށްވާ ސައުތު ވަޒީރިސްތާނުގައި ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގި އޮޕަރޭޝަނެއްގައި ސަލާމަތީ ބާރުތަކުން 13 މީހުން މަރާލާފައިވާ ކަމަށެވެ.

ހަމަލާގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ފިތުނަ އިތުރަށް ބޮޑުވުން އެކަށީގެންވެއެވެ. އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާން ސަރުކާރުން ވަނީ މި ހަމަލާ ކުށްވެރިކޮށް، އެކަމުގެ ބަދަލުހިފާނެ ކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން މިދިޔަ މާޗު މަހު ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއްގައި ވެސް އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށް ތާލިބާނުން ބުނެއެވެ.

comment ކޮމެންޓް