ގަވަރުނަރު ވަކިކޮށްގެން ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް: އެމްޑީޕީ

މަޖިލީހުގައި މެންބަރު ޣަފޫރު: އެމްޑީޕީ މެންބަރުން ވަނީ ގަވަރުނަރު ވަކިކޮށްގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް އިދާރާ

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަކީ ގައުމުގެ މާލީ ގޮންޖެހުންތަކަށް އޮތް ހައްލެއް ނޫން ކަމަށާއި އެ ކަމުން ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބުނެ، ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ރައީސުލްޖުމްޙޫރިއްޔާއަށް ލަފާ އަރުވަން ނިންމާފައެވެ. މަޖިލިސް ތަޅުމުގައި ބަހުސްކުރި ވަގުތު އެމްޑީޕީގެ މެންބަރުން ވަނީ ހާޝިމް މަގާމުން ވަކިކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

އެ ގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނުއިރު އިގުތިސާދީ ހާލަތު ރަނގަޅު ކަމަށާއި މީގެ ކުރިން 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަންނަމުންދިޔަ ގައުމަށް 34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަންނަމުން ދިޔަ ކަމަށެވެ.

ހުރިހާ އިގުތިސާދީ އިންޑިކޭޓަރުތަކެއް ހުރީ ހަމަ ރަނގަޅަށް. ޓޫރިޒަމް ކުރިއަރަމުން ދިޔަ. ނަމަވެސް މިއަދު އިގުތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން ޖެހޭނެ ބަދަލުތަކެއް ނޫން. އެ ހަގީގަތް ގަބޫލު ކުރަންޖެހޭ. ރާއްޖޭގެ އިގުތިސާދުގައި އެއްވެސް މައްސަލައެއް ނެތް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ، ރާއްޖެއަށް ވަންނަ އާމްދަނީގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ކުރެވޭ ޚަރަދު ބޮޑުވުން ކަމަށެވެ. އެ ގޮތުން، މި ސަރުކާރުން ރިކަރަންޓް ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

https://sun.mv/194604

ގަވަރުނަރު ބަދަލުކުރުމަކުން ޑޮލަރުގެ އަގެއް ހެވެއްނުވާނެ. އިއްޒަތްތެރި ރައީސް ގަވަރުނަރު ބަދަލުކުރުމަކުންނެއް ރައްޔިތުންނަކަށް އިތުރު ތަނަވަސްކަމެއް ނާންނާނެ. އަޅުގަނޑުމެންނަށް ޚިޔާލީ ފޮލާ ކެއްކިދާނެ. އެކަމަކު، އޭގެން ކުރާނެ އެއްވެސް އަސަރެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރަންވީ،ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް -- ފޮޓޯ/ މަޖިލިސް

މި ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕީޖީގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބަޖެޓެއް ހަވާލުކުރި ނަމަވެސް އެކަން މެނޭޖުކުރަން ނޭނގުނު ކަމަށެވެ. އެ ގޮތުން، ގަވަރުނަރު ވަކިކުރަނީ ސަރުކާރަށް ނޭނގޭ ކަންކަން ފޮރުވަން ކަމަށް ތުހުމަތުކުރެއްވިއެވެ.

ނާޒިލް ވަނީ ގަވަރުނަރު ވަކިކުރަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެ ގޮތުން، މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް އިޝާރާތްކުރައްވާ ވަނީ ވާހަކަދައްކަވާފައެވެ.

ދެ ގަވަރުނަރުން ލިޔަސް ނުކުރެވޭނެ. ތިން މީހުން ލިޔަސް ނުކުރެވޭނެ. ކޮމިޓީގެ ޗެއާ އެ ވިދާޅުވަނީ ކޮވިޑު މެނޭޖުކުރީ ގޯސްކޮށޭ. އެ ބޭފުޅާ ކޮވިޑާ އެކީގައި އެންމެ ފުރަތަމަ ދިވެހި ރައްޔިތުން ވަޒީފާއިން ވަކިކުރަން ފެށީ, ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނިޒާމީ ނުކުތާއެއް ނަންގަވައި ގާސިމް ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި، ކޮވިޑު މެނޭޖުކުރީ ގޯސްކޮށް ކަމަށް ވިދާޅުވެފައިނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގަވަރުނަރު މަގާމުން ވަކިކުރަން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.

ފަހު ފުރުސަތުގައި ވެސް ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގަތުމުން ނާޒިމް ވަނީ އިތުރު ފުރުސަތެއް ދިނުމަކައިނުލާ ގަވަރުނަރު މަގާމުން ވަކިކުރަން ހުށަހަޅުއްވައިފައެވެ. އެއާއެކު މިއަދު މަޖިލިސް ތަޅުމުން ނެގި ވޯޓުގައި، ގަވަރުނަރު މަގާމުން ވަކިކުރަން 63 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ރައީސުލްޖުމްޙޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމާފައެވެ.

comment ކޮމެންޓް