މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވިދާޅުވެ، ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.
ފަހު ފުރުސަތުގައި ވެސް ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގަތުމުން ނާޒިމް ވަނީ އިތުރު ފުރުސަތެއް ދިނުމަކައިނުލާ ގަވަރުނަރު މަގާމުން ވަކިކުރަން ހުށަހަޅުއްވައިފައެވެ.
އެ ހުށަހަޅެއްވުމަށް ވޯޓަށް އެހުމުން، މިދިޔަ ބުދަ ދުވަހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ހާޝިމް މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފާސްކޮށްފައެވެ. ގާނޫނުގައި އޮންނަ ގޮތުން ގަވަރުނަރު މަގާމަށް އައްޔަންކުރައްވާނީ ވެސް އަދި މަގާމުން ވަކިކުރާނީ ވެސް މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްުޔާއެވެ.
ކޮމިޓީއަށް ހާޒިރުވާން ދިން ތިން ފުރުސަތުގައި ވެސް ހާޒިރުވެ، ޖަވާބުދާރީވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަތުމުން ކޮމިޓީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. މެންބަރުން ވަނީ، ހާޝިމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ގާބިލު ބޭފުޅެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަށް އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސް ނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް މާލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ. އެކަމަކު، މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި އަދާނުކުރެވޭ ހިސާބަށް ގޮސްދާނެ ކަމުގެ އިންޒާރު މާލީ އިދާރާތަކުން އަންނަނީ ދެމުންނެވެ.
ރާއްޖޭގެ ދަރަނި އަދާކުރުމަށް އޮތް ހުރަސްތައް ފާހަގަކޮށް، ފިޗުން ވަނީ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.