ހާޝިމް ގާބިލު ނޫން ކަމަށް ނިންމައި އޭނާ ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ގަވަރުނަރު ހާޝިމް: އޭނާ ވީހާ ވެސް އަވަހަށް ވަކިކުރަން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ގާބިލު ނޫން ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވިދާޅުވެ، ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދެއްވައިފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.

ފަހު ފުރުސަތުގައި ވެސް ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގަތުމުން ނާޒިމް ވަނީ އިތުރު ފުރުސަތެއް ދިނުމަކައިނުލާ ގަވަރުނަރު މަގާމުން ވަކިކުރަން ހުށަހަޅުއްވައިފައެވެ.

އެ ހުށަހަޅެއްވުމަށް ވޯޓަށް އެހުމުން، މިއަދުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ފާސްކޮށްފައެވެ. ގާނޫނުގައި އޮންނަ ގޮތުން ގަވަރުނަރު މަގާމަށް އައްޔަންކުރައްވާނީ ވެސް އަދި މަގާމުން ވަކިކުރާނީ ވެސް މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްުޔާއެވެ.

https://sun.mv/194405

ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވަން އުޒުރުވެރިވެވަޑައިގެން މިއަދު ވެސް ގަވަރުނަރު ހާޝިމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ.

ކޮމިޓީއަށް ހާޒިރުވާން ދެއްވި ތިން ފުރުސަތުގައި ވެސް ހާޒިރުވެ، ޖަވާބުދާރީވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަތުމުން ކޮމިޓީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. މެންބަރުން ވަނީ، ހާޝިމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ގާބިލު ބޭފުޅެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަށް އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސް ނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް މާލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ. އެކަމަކު، މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ އިއްޔެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

https://sun.mv/194336

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދަނީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މާލީ ނަންބަރުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 100 އިންސައްތައަށް ވުރެ މަތީގައެވެ.

comment ކޮމެންޓް