ބައި-އިލެކްޝަންތަކަށް މީހުންގެ ޝައުގެއް ނެތް؛ އީސީން މަޖިލީހާއެކު މަޝްވަރާއަށް

އިއްޔެ ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން: އީސީން ބުނީ ބައި-އިލެކްޝަންތަކަށް މީހުންގެ ޝައުގެއް ނެތް ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ބައި-އިލެކްޝަންތަކުގައި ވޯޓުލާ މީހުންގެ އަދަދު ނިސްބަތުން މަދު ވަނީ އެ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ މިއަދު "ސަން"އަށް ވިދާޅުވީ، ބައި-އިލެކްޝަންތަކަށް މީހުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް އީސީން މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ 19 ވަނަ މަޖިލީހާއި މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

"އަވަސް އަވަހަށް އިންތިޚާބު ބާއްވަން ޖެހެނީތޯ ނޫނީ ނިޒާމުގައި މައްސަލަތަކެއް އުޅެނީތޯ ބެލުމަށް އީސީން މަޖިލީހާ ވެސް ވާހަކަ ދެކެވިފައި ވަނީ،" ޒަކަރިއްޔާ ވިދާޅުވިއެވެ.

އެންމެ ފަހުން ބާއްވާފައިވާ ރިޔާސީ އިންތިޚާބާއި ސިޓީ ކައުންސިލަށް މޭޔަރަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގައި ވެސް ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް މަދުކަން އީސީން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

އިއްޔެ މާލޭ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ހިމެނޭ ގޮތަށް ހަ ކައުންސިލަރަކު ހޮވަން ބޭއްވި ބައި-އިލެކްޝަނުގެ ވޯޓުލާ ވަގުތު ހަމަވިއިރު 9584 މީހުން ވޯޓު ނުލައެވެ. އެއީ 73 އިންސައްތަ މީހުންނެވެ.

https://sun.mv/194534

އިއްޔެ ބޭއްވީ މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ މެންބަރު އިންތިޚާބު ކުރުމުގެ އިތުރުން، ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަނެވެ.

އެ ބައި-އިލެކްޝަންތަކުގައި ވެރިކަންކުރާ ޕީއެންސީން ވަނީ މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއާއި ކުޅުދުއްފުށީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބުކޮށްފައެވެ.

https://sun.mv/194539

ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރަކަށް ހޮވުނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެވެ.

މީގެ ކުރިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަން ޖެހޭތީ، އީސީއަށް ޚަރަދު ބޮޑެވެ، އަހަރަކު އެއް ފަހަރު އެ ބައި-އިލެކްޝަންތައް ބާއްވާ ގޮތަށް ވަނީ ގަވައިދު އިސްލާހުކޮށްފައެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ޓަކައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް